ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ދ. ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ އައުޓްރީޗް ކެމްޕަސްއިން އަންނަ އަހަރުގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ޓާމަށް އަލަށް ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ކޯސްތަކަކ،ީ ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ފަރުމާކޮށްފައިވާ ކޯސްތަކެއް ކަމަށެވެ. އެގޮތުން ޖުމްލަ 6 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެމްއެންޔޫއިން ވިދާޅުވީ، މި ޕްރޮގްރާމްތަކަކީ ކުޑަހުވާދޫއާއި ވަށައިގެންވާ ރަށްރަށުގެ ތަޢުލީމީ އަދި ފަންނީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކޯސްތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލް ކުރުމާއި، ވަޒީފާގެ ފުރުސަތުތަކަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމް.އެން.ޔޫއިން ވިދާޅުވެއެވެ.