ޚަބަރު

އެމްޕަވަރމަންޓް ހަބުގެ މަސައްކަތް ފަށަނީ


  • މި ތަނުގައި ކޮމްޕިއުޓަރ ސެންޓަރެއް ޤާއިމް ކުރާނެ

  • މިތަން ޤާއިމްކުރަނީ ހުޅުމާލެ ފޭސް 2 ގައި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލްކުރަނިވި މާޙައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދިނުމަށް ތަރައްޤީ ކުރާ "އެމްޕަވަރމަންޓް ހަބު"ގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށް އިޖްުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުގައި ވާހަކަ ދައްކަވަމުންނެއެވެ.

40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް ޚިދުމަތް ދިނުމަށް އަމާޒު ކޮށްގެން ތަރައްޤީ ކުރާ އެމްޕަވަރމަންޓް ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީ ކުރުމަށާއި، މަސައްކަތުގެ ތަޖުރިބާއާއި އިޤްތިޞާދީ މިނިވަން ކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުމުގެ މަޤުސަދުގައި ތަރައްޤީ ކުރާ ތަނެއް ކަމަށް އިޖުތިމާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެމްޕަވަރމަންޓު ހަބު ތަރައްޤީ ކުރާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ އާއިލާތަކާއިއެކު ވަގުތު ހޭދަކޮށްލެވޭނެ ގޮތަށް ކަމަށެވެ. އަދި އެތަނުން މަސައްކަތްތައް ދަސްކޮށް ފަރިތަ ކުރާނެ ފުރުސަތުތައްވެސް ފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޕްލޭންގައިވާ ގޮތުން އެތަނުގައި ކޮމްޕިއުޓަރ ސެންޓަރެއް ޤާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި ކޮމްޕިއުޓަރަށް މޮޅު ކުދިންނަށް އެތަނަށް އައިސް އެކަމުގެ ތަމްރީން ހޯދޭނެ ކަމަށް ވިދާޅުވިއެވެ.

" ވަކި އޭރިއާއެއް އޮންނާނެ އާންމުކޮށް ނުކުޅެދުންތެރިކަން، މި އެންޖީއޯތަކަށް ބައްދަލުވެ އުޅެން ތަން ހޯދުމަކީ ވަރަށް ބޮޑު ދައްޗަކަށް ވެފައި އޮންނަނީ. އެތަނުގެ އެއްބަޔަކީ އަމިއްލަ ޖަމާއަތްތަކަށް މި ދާއިރާއިން މަސައްކަތް ކުރާ ފަރާތްތަކަށް ޖަލްސާކޮށް ބައްދަލު ކުރެވޭނެ ފެސިލިޓީއެއްގެ ގޮތަށް ޤާއިމްކުރާނީ." ވަޒީރު ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެމްޕަވަރމަންޓު ހަބުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ މެދެއް ހާތަނުގައި މަސައްކަތް ނިންމާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަދަ ފަރާތްތަކުގެ އާއިލާތަަކަށް ލުއިފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވާ މި ހަބުގައި ހުންނާނެ ބައިތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ފިހާރައެއް ހިމެނެއެވެ.

މީގެއިތުރުން ހަބުގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީ ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބުގައި 3 ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނެއެވެ. މީގެއިތުރުން އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމާއި، މަލްޓި މީޑިއާ ރޫމެއްވެސް މި ހަބުގައި ހުންނާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.