މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ކޯ ސްޕޮންސަރ ޕްލަސްއަކަށް އީވޯ


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ކޯ ސްޕޮންސަރ ޕްލަސްއަކަށް އީވޯ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އީވޯ އާކު ސޮއިކޮށްފިއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ މަޤްބޫލް ރިއަލިޓީ ޝޯވް މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް ނިންމާލުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާއިން މިހާރު ތައްޔާރުވަމުންދަނީ މިޝޯގެ ސީޒަން ދޭއް ބޭއްވުމަށެވެ. އެގޮތުން ސީޒަން ދޭއްގެ ސްޕޮންސަރުން ހަމަޖައްސައި އެކަމުގެ އެއްބަސްވުންތަކުގައި މިހާރު ގެންދަނީ ސޮއިކުރަމުންނެވެ.

ސީޒަން ދޭކަށް ޓައިޓްލް ސްޕޮންސަރ އާއި މެއިން ސްޕޮންސަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހަމަޖައްސާފައިވާއިރު ކޯ ސްޕޮންސަރ ގެ ގޮތުގައި ވެސް ވަނީ ކުންފުނިތަކާއި އެކު ސޮއިކޮށްފައެވެ. މީގެ އިތުރުން މިއަދު ވަނީ ކޯސްޕޮންސަރ ޕްލަސް އަކަށް އީވޯ ހަމަޖައްސާފައެވެ. މި އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ. އަދި އީވޯގެ ފަރާތުން  ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މުޚްތާރު ސަޢީދެވެ.

img:http://s3.psmnews.mv/images/660x400/14730642616315.jpg|މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ކޯ ސްޕޮންސަރ ޕްލަސްއަކަށް އީވޯ ހަމަޖައްސުމަަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޢަލީ ނަޞީރު، ޕީއެސްއެމް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މި ޝޯވ ސްޕޮންސަރ ކުރުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާކަމަށެވެ. މޯލްޑިވިއަށް އައިޑަލް ސީޒަން ދޭއް ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު އޮޑިޝަން ބާއްވާނެ ރަށްތައް ކަނޑައަޅާނީ އެސްއެމްއެސް ތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން އޮޑިޝަން ބާއްވާނެ ރަށްރަށް ފައިނަލް ކުރާނީ އޮޑިޝަންގައި ބައިވެރިވާން ކުރާ އެސްއެމްއެސް ތަކަށް ބަލާފަ. އޭގެން އެންމެ ބޮޑަށް ތަރުހީބު ލިބޭ އޭރިޔާތަކަށް ބަލާފަ. ސީޒަން ވަން އާއި ބަލާފަ އިތުރުވެގެންދާނެ ބައެއް ޒޯންތައް. އެހެންނަމަވެސް އިތުރު ފަންކްޝަނެއް ބާއްވާނަށް އޮޑިޝަން ބާއްވާނެ ރަށްރަށް ރިވިއު ކުރުމަށް ހަމަ އިޢުލާންކޮށް ގްރޭންޑް ފަންކްޝަނަކުން އަޅުގަނޑުމެން އިއުލާން ކުރާނަށް ކޮން ރަށްރަށެއްގައިތޯ އޮޑިޝަން ބާއްވާނީ".ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީވޯގެ ޖެނެރަލް މެނޭޖަރ މުޚްތާރު ސަޢީދު ވިދާޅުވީ، މޯލްޑިވިއަން އައިޑަލްއަކީ ރާއްޖޭގައި ތިބި ހުނަރުވެރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމަށް ލިބޭ ރަށުގެ ފުރުސަތެއްކަމަށާއި އެފަދަ ކުދިންގެ ހުނަރު ދައްކާލުމަށް މިހާރު ފުޅާ ދާއިރާއެއްގައި ހުޅުވިފައިއޮތް އެހެން ޕްލެޓްފޯމެއް ރާއްޖޭގައި ނެތްކަމަށެވެ.

"އަޅުގަނޑުމެންނަށް ސީޒަން ވަންގަވެސް ފެނިގެންދިޔަ ވަރަށް އާ މޫނުތަކެއް. މީގެކުރިން އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ކިތަންމެ ކުދިންނެއް ތިބޭ. އެކުދިންނަށް އެކުދިންގެ ޓެލެންޓް ދައްކާލާނެ ޕްލެޓް ފޯމެއް އަޅުގަނޑުމެންގެ ޤައުމުގައި މިހާ ފުޅާ ދާއިރާއެއްގައި ހުޅުވިފައެއް ނެތް. އެހެންވީމާ އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ފުރުޞަތެއްހެން ހަޤީޤަތުގައި މިކަހަލަ ކުދިންނަށް ލިބިގެންދާ. އެހެންވީމާ އީވޯގެ އެއް މަޤްޞަދަކީ ހަމަ އެކުދިންނަށްވެސް މީގެތެއިން ފުރުޞަތު ތަކެއް ލިބުން. އަނެއް މަޤްޞަދަކީ އަޅުގަނޑުމެން މި ކުރާ ވިޔަފާރި ދިވެހި ރައްޔިތުންނާ ހަމައަށް މި ޕްރޮގްރާމްގެ ތެރެއިން ތަޢާރަފްކޮށްދިނުން." އީވޯގެ ޖެނެރަލް މެނޭޖަރ މުޚްތާރު ސަޢީދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14727433006823.jpg|

މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިމަހުގެ 10ވަނަ ދުވަހާއި ހަމައަށް  ހުޅުވާލާފައިވާއިރު، 16 އަހަރާއި، 30 އަހަރާއި ދެމެދުގެ ކޮންމެ ފަރާތަކަށްވެސް މި ޝޯވގައި ބައިވެރިވެވޭނެއެވެ. މިޝޯވގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރައްވާނީ MI ޖެއްސެވުމަށްފަހު، ހުސްތަންކޮޅެއް ދޫކުރައްވާފައި، ފުރިހަމަ ނަން، އުމުރު، އައި.ޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެއްސެވުމަށްފަހު 300 އަށެވެ. 

ސީޒަން ދޭއްގެ ޖަޖުންނާއި ޕްރެޒެންޓަރުން ހޯދުމުގެ ކަންކަން ޕީ.އެސް.އެމްގެ ފަރާތުން ދަނީ ކުރަމުންނެވެ.