ޚަބަރު

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފި


  • ވޯޓުލުން ފެށީ މިއަދު ހެނދުނު 9 ޖެހިއިރު

  • މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ އިންތިޚާބު ނިންމާލައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ، މި މަހުގެ 1ވަނަ ދުވަހުއެވެ.

އެ ޕާޓީން ބުނީ ޕްރައިމަރީގައި 298 ކެންޑިޑޭޓުން ވާދަކުރިކަމަށެވެ. އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ 42 އިންތިޚާބީ ދާއިރާއެއްގެ 84 މަޤާމަކަށެވެ. މި އިންތިޚާބުގެ ވޯޓުލުން ނިންމާލާފައިވާއިރު މިހާރު އަންނަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެންސީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި 44 ވޯޓު ފޮށި ބަހައްޓާފައިވާއިރު، 21000 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި އަދަދަކީ އެ ޕާޓީއިންވެސް އަންދާޒާ ކުރި އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ. ފަލާހު ވިދާޅުވީ، މިއީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލާނެ ޕްރައިމަރީ ކަމަށެވެ.

ޕީއެންސީން ބުނީ، އެ ޕާޓީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށެވެ. މާލެ ސަރަހައްދުން ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔައީ އިސްކަންދަރު ސުކޫލުގައިއެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި ވޯޓުލުމަށް ޚާއްސަކޮށްފައިވާ މަރުކަޒުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.