ޚަބަރު

"ދެރަށުގެ ދެމެދު އުފެދުނު ގަދީމީ ގުޅުން، އެހެން ރަށްތަކަށް ނަމޫނާއެއް"


  • ގާތްގަނޑަކަށް 400 އަހަރަށްވުރެ ގިނަ ދުވަހުގެ ގުޅުމެއްވޭ

  • ބޭނުންވަނީ ކާބަފައިން ދެމެހެއްޓި މިގުޅުން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުން

ދިވެހިރާއްޖެއަކީ، އެއްބައިވަންތަކަމާއި އެކުވެރިކަން އޮތް ޤައުމެކެވެ. ކޮންމެ ހާލަތެއްގައިވެސް އެއްބައިވަންތަ ރޫހެއްގައި، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ދިވެހިންނަކީ، މިފަދަ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާ ބައެކެވެ. އެއްބަޔަކު އަނެއް ބަޔަކާ ދެމެދުގައިވެސް އަދި އެއްޤައުމާއި އަނެއް ޤައުމާ ދެމެދުގައިވެސް އެހީތެރިކަމާއި ރަޙްމަތްތެރިކަން ބަދަހިކުރެއެވެ.

މި ގުޅުންތަކުގެ ތެރެއިން ޚާއްސަކޮށް ފާހަގަކޮށްލެވޭ، ވަރުގަދަ ރަޙްމަތްތެރި ކަމެއްގެ ގުޅުމެއް އޮތް ދެ ރަށެއް އެބައޮތެވެ. އެއީ، ބ. އަތޮޅު ތުޅާދޫއާއި، ރ. އަތޮޅު މީދޫއެވެ. މި ދެރަށުގެ ގުޅުން ފެށިފައިވާ ކަމަށް ބުނާނެ ޚާއްޞަ ތާރީޚެއް ނޭނގޭ ކަމަށް، އެ ރަށްރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ނަމަވެސް، މި ދެ ރަށުގެ ދެމެދު ގާތްގަނޑަކަށް 400 އަހަރަށްވުރެ ގިނަ ދުވަހުގެ ގުޅުމެއްވާ ކަމަށް ދެރަށުގެ ރައްޔިތުންވެސް ޤަބޫލުކުރެއެވެ.

މިފަދަ ގާތް ގުޅުމެއް އުފެދުމުގެ މައިގަނޑު ސަބަބަކީ، ކޮބައިތޯ ބެލުމަށް ގިނަ ބަޔަކު ސުވާލު ކުރަމުންދާ ކަމަށް މިދެރަށުގެ ރައްޔިތުން ބުނެއެވެ. ތުޅާދޫގެ އިސްރަށްވެހިން ފާހަގަކުރެއްވި ގޮތުގައި މީދޫއާއި ތުޅާދޫގެ ގުޅުމަކީ، ވަރަށް ޒަމާންވީ ގުޅުމެކެވެ. އަދި އެރަށްތަކުގެ ކާބަފައިން މިގުޅުން މިޒަމާނަށް ގެނެސްދީފައިވަނީ، ވަރަށް އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކުއެވެ.

ދެ ރަށުގެ ގުޅުމުގެ ފެށުމަކީ، މީދޫގައި ބިނާކުރި މިސްކިތެއްގެ ތަނބުތަކުގައި ތުޅާދޫ ރައްޔިތުން ހިލޭސާބަހަށް ލިޔެލާ ޖެހުމުގެ މަސައްކަތް ކޮށްދިން ހިސާބެވެ. މި މަސައްކަތަކީ، ދެ ރަށުގެ ގުޅުމުގެ ބިންގާ އެޅުނު ކަމެއްކަން އެރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އެއަށްފަހު، ބޮޑު މައުލޫދު ފަދަ ދީނީ ރަސްމިއްޔާތުތަކަށް އެންމެ ފުރަތަމަ ދަޢުވަތު ދެވޭ ދެރަށަކީ މި ދެރަށް ކަމަށް އިސްރަށްވެހިން ފާހަގަކުރެއެވެ.

މި ގުޅުން އިތުރަށް ބަދަހި ކުރި މުހިންމު އެހެން ސަބަބުތަކެއްވެސް ވެއެވެ. އޭގެތެރޭގައި މީދޫގެ ތޮށިލުމުގެ މަސައްކަތާއި، 1960 ވަނަ އަހަރު ތުޅާދޫގައި ބިނާކުރި މަދަރުސާގެ މަސައްކަތް ހިމެނެއެވެ. މީދޫ ކަލޭގެފާނު މި އިމާރާތް ކުރެއްވީ، އެއްވެސް ކުރެހުމަކާ ނުލައި ވަރަށް ފުރިހަމައަށް ކަމަށް އެރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އެހެންނަމަވެސް، ތުޅާދޫގައި ބިން ނެތުމުގެ ސަބަބުން މި ގަދީމީ ބިނާ ތަޅާލާފައިވާ ކަމަށް އެރަށުގެ ރައްޔިތުން ހިތާމަޔާއެކު ފާހަގަކުރިއެވެ.

މީގެ އިތުރުން މި ދެރަށުގެ ގުޅުން ބަދަހިކުރި އެހެން ދެ ދާއިރާއަކީ، ވަޑާމުގެ މަސައްކަތާއި މަސްވެރިކަމެވެ. މީދޫގެ ރައްޔިތުން ދޯނިފަހަރު ފަދަ ތަކެތި ބަނުމަށްޓަކައި ތުޅާދޫގައި އެތައް ދުވަހެއް ހޭދަކޮށްފައިވެއެވެ. އަދި ތުޅާދޫ ހިމެނޭ ސަރަހައްދަކީ މަސްވެރިކަމުގައި އެން ތިޔާގި ސަރަހައްދަކަށް ވުމާއެކު، މީދޫގެ ގިނަ މަސްވެރިން އަބަދުވެސް ތުޅާދޫއަށް އައިސް މަސްވެރިކަން ކުރާ ކަމަށްވެއެވެ. މިކަންތައްތަކާއެކު މިއަދު މިދެ ރަށުގެ ގުޅުން ވަނީ، ވަކި ނުކުރެވޭ ވަރަށް ބަދަހިވެފައެވެ. މި ދެރަށުގެ ގުޅުން ފެށުނު ފަހުން މިއަދާ ހަމައަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާކަން ދެރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ދެ ރަށުގެ ރައްޔިތުންވެސް ދެކެނީ، އެ ދެރަށުގެ ރައްޔިތުންނަކީ އެއްބައެއްގެ ގޮތުގައެވެ.

ދެރަށުގެ ގުޅުން އިތުރަށް ބަދަހިކޮށްދިން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މީދޫން އިސްނަގައިގެން ތުޅާދޫގައި ބޭއްވުމަށް ދިން ދަޢުވަތަށް، ތުޅާދޫން އިޖާބަދީ އެކަން ޤަބޫލުކުރުމެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި މީދޫން ތުޅާދޫއަށް 315 މީހުން ޒިޔާރަތްކޮށްފައިވެއެވެ. މި މީހުންނަށް މަރުޙަބާ ކިޔުމަށް ތުޅާދޫގެ ރައްޔިތުން ތިބީ، ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މަރުޙަބާ ކިޔުމުގެ އިތުރުން، މީދޫގެ ރައްޔިތުންގެ ޝަރަފުގައި ޚާއްސަ ޖާފަތެއް ބާއްވައި، ގިނަގުނަ ސަޤާފީ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ދެރަށުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްސަދުގައި އެއްބަސްވުންތަކެއްގައި ސޮއިކޮށް، ފަތްތޫރައިގައި ސިއްކަ ޖަހާފައިވެއެވެ. މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ބައިވެރިވެ ވަޑައިގެން، މި ދެރަށުގެ ގުޅުން ފާހަގަކުރައްވައި، އެހެން ރަށްރަށުންވެސް މި ގުޅުމުން ނަމޫނާ ނެގުމަށް ޢިލްތިމާސްކުރެއްވިއެވެ.

ރ. މީދޫ އަދި ތުޅާދޫގެ ރައްޔިތުންގެ އަޒުމަކީ، ޒަމާނުއްސުރެ ކާބަފައިން ދަމަހައްޓާފައިވާ މި ގުޅުން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމެވެ. އަދި ދެ ރަށުގެ ޒުވާނުންވެސް މިކަމުން ފިލާވަޅު ނަގައި، މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ކުރުމަކީ، ދެ ރަށުންވެސް ބޭނުންވާ ގޮތެވެ.