އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ހުއްދަ ނެތި ރ.އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީ ކުރުމުގެ މަސައްކަތްކޮށްފައިވާތީ މަންތާ އެވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފިއެވެ.
އެއޮތޯރިޓީން މަންތާ ކުންފުނި ޖޫރިމަނާކޮށްފައިވަނީ، 20000 (ވިހި ހާސް) ރުފިޔާއަށެވެ.
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ޤަވާއިދުގައި ބަޔާންކުރާ ގޮތަށް ސްކްރީންކޮށް، ތިމާވެއްޓަށް އަސަރުކުރޭތޯ ބަލާ ރިޕޯޓު ހުށައަޅާ އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. އެހެންނަމަވެސް ރ.އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް ހެދުމަށްޓަކައި މަންތާ އެވިއޭޝަން ޕްރައިވެޓް ލިމިޓެޑުން އެއޮތޯރިޓީގެ ހުއްދަ ހޯދުމަކާއި ނުލާ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްކޮށްފައިވާތީ އެކުންފުނިން އެފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށްވުން ވިހި ހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކާ ޚަލާސް ކުރުމަށް އަންގަވާފައެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދާނަމަ އެކަން ޤަވާއިދާ އެއްގޮތަށް ތިމާވެއްޓަ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށައަޅާ ކަނޑައެޅިފައިވާ މަރުޙަލާތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށްވެސް އެއޮތޯރިޓީން ވަނީ ނަސޭޙަތްތެރިވެފައެވެ.
މަންތާ އެވިއޭޝަނުން ދަނީ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. އަދި އެކުންފުނީގެ ފްލީޓު ބޮޑުކޮށް އޮޕަރޭޝަން ފުޅާކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.