ބ. ތުޅާދޫއާއި ރ.މީދޫގެ ޒަމާންވީ ގުޅުން އެހެން ރަށްތަކުން ނަމޫނާ ނަގަންޖެހޭ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ތުޅާދޫގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ރ. މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޖާފަތް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަމުންނެއެވެ.
ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، ތަރިކައަކީ އެބައެއްގެ މުހިންމު އެއްޗަކަށްވާއިރު އެތަކެތި ޙިމާޔަތް ކުރުމަކީވެސް މުހިންމު ކަމެއް ކަަމަށެވެ. ވަޒީރުގެ ވާހަކައިގައި ވަނީ، ރ. މީދޫ ރައްޔިތުން ބ. ތުޅާދޫގައި ބިނާކޮށްދެއްވި ބިނާގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ ބިނާ މިއަދު ނެތުމުން އެކަމުގެ އަސަރު އަދި ހިތާމަ ތުޅާދޫ ރައްޔިތުން ކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ކޮންމެ ބޭފުޅެއްގެ ވާހަކަ ފެށުމުގެ ގޮތުން ދައްކާ ޒަމާންވީ ވާހަކަތަކާއި އިހުގެ ވާހަކަތައް ދެއްކުމާއި އެ ވާހަކަތަކުން އަހުވަންތަކަން ގެންނެވުމާއި ގުޅެނީ އެބައެއްގެ ތަރިކައާއި ކަމަށެވެ. އެގޮތުން ތަރިކައިގެ މުހިންމުކަން މި ވާހަކަތަކުން އެނގިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ސަޤާފަތާއި ތަރިކަ ދިރުވާ އާލާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ މައްޗައް އަލި އަޅުއްވާލައްވާފައެވެ.
ވަޒީރު ވިދާޅުވީ، ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދައިދޭ އެއްޗަކީ އެބައެއްގެ ތަރިކަ ކަމަށެވެ. އަދި ޤައުމެއް ދެމިއޮތުމުގައި ތަރިކަ މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވިއެވެ.
" ތަރިކައަކީ އޭގެ ޒާތުގައި ވާހަކަ ދައްކާ އެއްޗެއް. ތަރިކަ ބުނެދެނީ، ތިޔަ ބޭފުޅުންގެ ކާބަފައިން ދަތި އުފުއްލެވި މިންވަރު. ތިޔަބޭފުޅުންގެ ކާބަފައިން ތިޔަބޭފުޅުންގެ މުސްތަޤުބަލަށްޓަކައި ދެކެވަޑައިގެން ހުވަފެންތައް. ތަރިކަ ބުނެދެނީ، ކާބަފައިން ތަޢުލީމާއި ކުރިމަގަށްޓަކައި ވެވަޑައިގެން ޤުރުބާނީ އަދި އެކާބަފައިންގެ ކިބައިގައި ހުރި ޤާބިލްކަން. މިކަންކަން އެއްޖީލުން އަނެއް ޖީލަށް ވާރުތަ ކޮށްދެނީ އެޤައުމެއްގެ ތަރިކަ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ޤައުމިއްޔަތުގެ މަޝްރޫއުގެ މާނައަކީ އެބައެއްގެ ތަރިކަ ހިމާޔަތްކޮށް އެބައެއްގެ ތެރޭގައި އެއްބައިވަންތަކަމާއި އަހުވަންތަކަން ދިރުވާ އާލާކުރުން ކަމަށެވެ. ވަޒީރު ވިދާޅުވީ، ތުޅާދޫއާއި ރ. މީދޫގެ ރައްޔިތުންގެ ދެމެދުގައިވާ ގުޅުމުގެ ތެރެއިން މީދޫ ރައްޔިތުން ތުޅާދުއަށް އައީ އެމީހުންގެ އިންސާނިއްޔަތުކަމާއި އިސްލާމީވަންތަކަން އަދި ދިވެހިވަންތަކަން ކުރިއަށް ނެރެގެން ކަމަށް ވިދާޅުވިއެވެ.
އަދި މުސްތަޤުބަލު އޮތީ، އެއްބައިވަންތަކަންމަތީ ތިބެގެން ކަމަށާއި އަދި ކުރިއެރުން އޮތީ އެއްގޮތްވަންތަ ކަމުގައި ކުރިއަށް ގޮސްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، އެއްބައިވަންތަކާއި އަހުވަންތަކަން ދަމަަހައްޓައި މި ދެރަށުގެ ދެމެދުގައިވާ ގުޅުން ނަމޫނާއަކަށް ބަލައި އެހެން ރަށްތަކުންވެސް މިގޮތަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަށް އެދިލައްވާފައެވެ.
ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ޤައުމިއްޔަތުގެ މަޝްރޫޢުގެ މާނައަކީ އެބައެއްގެ ތަރިކަ ހިމާޔަތްކޮށް އެބައެއްގެ ތެރޭގައި އެއްބައިވަންތަކަމާއި އަހުވަންތަކަން ދިރުވާ އާލާކުރުން ކަމަށެވެ. ވަޒީރު ވިދާޅުވީ، ތުޅާދޫއާއި ރ. މީދޫގެ ރައްޔިތުންގެ ދެމެދުގައިވާ ގުޅުމުގެ ތެރެއިން މީދޫ ރައްޔިތުން ތުޅާދުއަށް އައީ އެމީހުންގެ އިންސާނިއްޔަތުކަމާއި އިސްލާމީވަންތަކަން އަދި ދިވެހިވަންތަކަން ކުރިއަށް ނެރެގެން ކަމަށް ވިދާޅުވިއެވެ.
އަދި މުސްތަޤުބަލު އޮތީ އެއްބައިވަންތަކަންމަތީ ތިބެގެން ކަމަށާއި އަދި ކުރިއެރުން އޮތީ އެއްގޮތްވަންތަ ކަމުގައި ކަމަށް ކުރިއަށް ގޮސްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، އެއްބައިވަންތަކާއި އަހުވަންތަކަން ދަމަަހައްޓައި މި ދެރަށުގެ ދެމެދުގައިވާ ގުޅުން ނަމޫނާއަކަށް ބަލައި އެހެން ރަށްތަކުންވެސް މިގޮތައް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަށް އެދިލައްވާފައެވެ.