ޚަބަރު

ހުނަރާއި ފަންނު ކުރިއަރުވަން ތުޅާދޫއާއި ރ. މީދޫއާ ދެމެދު އެެއްބަސްވުމެއް


  • މިއީ ދެ ރަށުގެ ފަންނުވެރިކަމާއި ހުނަރު ބަދަލުކުރުމަށް ވި އެއްބަސްވުމެއް

  • ފަންނުވެރިކަމުގެ އެކި ދާއިރާތަކުން ދެރަށުގެ ރައްޔިތުން މައުލޫމާތު ބަދަލުކުރާނެ

ފަންނުވެރިކަން ކުރިއަރުވާ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ރ. މީދޫ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ރ. އަތޮޅު މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޚާއްޞަ ޖާފަތުގެ ތެރެއިންނެެވެ.

މި އެއްބަސްވުމުގައި ތުޅާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްއެވެ. ރ. މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، އެ ރަށު ކައުންސިލްގެ ރައީސް ޙަސަން ޝަރީފެވެ.

ދެ ކައުންސިލްގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ، ދެ ރަށުގެވެސް ފަންނުވެރިކަމާއި ހުނަރު އެެއްރަށުން އަނެއް ރަށަށް ފޯރުކޮށްދިނުމެވެ. އަދި ފަންނުވެރިކަމުގެ އެކި ދާއިރާތަކުން ދެރަށުގެ ރައްޔިތުން މައުލޫމާތު ބަދަލު ކުރުމެއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ކުރެވެން ހުރި އެކި މަސައްކަތް ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ތުޅާދޫއާއި ރ. މީދޫއާއި ދެމެދު ޒަމާނުންސުރެ އޮތް އެކުވެރިކަން ދަމަހައްޓަައި އެކަން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމާއި އަދި ދެ ކައުންސިލްގެ ދެމެދުގައި ކުރިއަށް ގެންދެވޭނެ ކަންކަން ކަނޑައަޅައި، ދެ ރަށުގެ ދެމެދުގައި ވަނީ ފައްތޫރައިގައި ސިއްކަ ޖައްސަވާފައެވެ. މީގެ އިތުރުން ދަތުރުގެ ހަދާނީ ފިލާގެ ގޮތުގައި ރ. މީދޫ ކައުންސިލުން ވަނީ، ތުޅާދޫ ކައުންސިލަށް ޚާއްސަ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.

ބ.ތުޅާދޫއަކީ، ރާއްޖޭގައި ލިޔެލާ ޖެހުމަށް މަޝްހޫރު ރަށެކެވެ. ތުޅާދޫގައި ލިޔެލާ ޖެހުމުގައި ފުންނާބު އުސް މޮޅެތި މީހުން އެބަތިއްބެވެ. ހަމައެގޮތަށް ރ. މީދޫއަކީ ވަޑާމުގެ އެކި މަސައްކަތްތައް ޚާއްސަ ރަށެކެވެ. އަދި ގެދޮރު އިމާރާތް ކުރުމުގައިވެސް މީދޫއަކީ ފާހަގަކޮށްލެވޭ ރަށެވެ.

ރ. މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޚާއްސަ ޖާފަތް ޝަރަފުވެރިކޮށްދެއްވީ، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.