ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 3 މަޝްރޫޢުއަކަށް އެ ޤައުމުން 85 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމައި، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޗައިނާ - ރާއްޖެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިކަމަށްޓަކައި ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. ޗައިނާ ސަރުކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު 3 މަޝްރޫޢަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ޔުއާން ނުވަތަ ގާތްގަނޑަކަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވަނީ، މި ވޭތުވެދިޔަ ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ޗައިނާއަކީ، ރާއްޖޭގެ ތަރައްޤީގައި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ މި އެއްބަސްވުމާއެކު ސަރުކާރުން އިސްކަންދީގެން މުހިންމު މަޝްރުޢޫތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
" އަޅުގަނޑު އުފަލާއެކު ފާހަގަކުރަން މިމަޝްރޫޢުތައް ތަންފީޒު ކުރުމަށް ބާރަށް މަސައްކަތް ކުރަމުންދާކަން. ދެ ޤައުމުގެ ފަންނީ ފަރާތްތަކުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށްދޭ. ހަމަ ޔަޤީނުންވެސް މިމަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެ ޗައިނާ ސަރުކާރުގެ އެހީއާއި ނުލާ. އެކަމަށް އަޅުގަނޑު ޝުކުރުވެރިވަން " ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވަނީ، ޗައިނާ-ރާއްޖޭ ގުޅުމަށް އަލިއަޅުއްވާލައްވާ މި އެއްބަސްވުމަކީ ދެ ޤައުމުގެ ވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިންމި ކަންކަން ތަންފީޒު ކުރުމަށް މުހިންމު އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި އެއްބަސްވުން ތަންފީޒުވާއިރު ރައްޔިތުންނަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
"މިއަދު ސޮއިކުރެވޭ މި އެއްބަސްވުމަކީ ދެ ޤައުމުގެ ވެރިން ބައްދަލުކުރައްވާ ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް. މި އެއްބަސްވުމުގެ ދަށުން ހަމައެކަނި ދެނީ މާލީ އެހީތެރިކަމެއް ނޫން، އޭގެ އިތުރަށް ދެފަރާތު ދެމެދު ތަރައްޤީއަށް އެއްބާރުލުން ދޭ މުހިންމު ކަންކަން ހިމެނޭނެ. މިއީ އެންމެންނަށް ފައިދާ ކުރާނެހެން ނަތީޖާ ނެރުމަށް ތަންފީޒުވާނެ މަސައްކަތެއް." ޗައިނާ ސަފީރު ވިދާޅުވިއެވެ.
މިއެހީގެ ދަށުން ކުރިއަށް ގެންދާ 3 މަޝްރޫޢުއަކީ، ވިލިމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.