ޓުއަރިޒަމް

ޔޮޓް މެރިނާއާއި ކްރޫޒް ޓަރމިނަލް ތަރައްޤީކުރަން ހަވާލުކުރަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ޤާއިމުކުރާ ޔޮޓް މެރީނާ އާއި ކްރޫޒް ޓަރމިނަލް ހެދުމަށް ބޭނުންވާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެގޮތުން މިތަންތަން ހެދުމަށް ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، އެތަނުގެ ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތް އެކުންފުނިން މިހާރު ގެންދަނީ ކުރަމުންނެވެ. މިތަނުން 300 ސުޕަރ ޔޮޓަށާއި، އަދި ހަ ހާހާއި، ހަތް ހާހާ ދެމެދުގެ ފަސިންޖަރުން އުފުލާ ބޮޑެތި ޕެސެންޖަރލައިންތަކަށް ޚިދުމަތް ދެވިގެންދާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން މަޢުލޫމާތުދެއްވައެވެ.

img:http://s2.psmnews.mv/images/660x400/14730802810292.jpg|ޔޮޓް މެރީނާ ތަރައްޤީކުރާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ: އެޗްޑީސީ

ޕީ.އެސް.އެމް ނިއުސްއަށްދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގައި ތަރައްޤީކުރާ ޔޮޓް މެރީނާއާއި ކްރޫޒް ޓަރމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެތަން ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކުރައްވާނެކަމަށެވެ. އަދި ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ އެ ސަރަހައްދު ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތައްކޮށް، ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. 

ޔޮޓް މެރީނާ ތަރައްޤީކުރައްވާނީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މިފަދަ ޚިދުމަތްތައް ދޭ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތައްކަން ފާހަގަކުރައްވަމުން ސައިމަން ވިދާޅުވީ، ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ތަރައްޤީކުރުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު އެކުންފުނިން މަޝްވަރާކުރައްވަމުންދާކަމަށެވެ.

img:http://s2.psmnews.mv/images/660x400/14577851765688.jpg|ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލްގެ މަސައްކަތްތަކާއި ގުޅޭގޮތުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

"ޔޮޓް މެރީނާއާއި ކުރޫޒް ޓާރމިނަލް ތަރައްޤީ ކުރުމަކީ ޓެކްނިކަލީ އިންޖިނިއަރިން ޕޮއިންޓް އޮފް ވިއުއިން ވަރަށް ގިނަ ކަންތައް ބަލަން ޖެހޭ ކަމެއް. އެ ސަޙައްދާ ޖެހިގެން އެބައޮތް ބަނާނާ ރީފް. އަނެއްކާ އެއަރޕޯޓް ރެސްޓްރިކްޝަން ފުދޭވަރަކަށް ބޮޑަށް ހައި. ނޮއިސްޕޮލުޝަނާއި، ހައިޓް ރެސްޓްރިކްޝަން. މުޅި އޯވަރޯލް ޓްރެފިކަށް ބަލާއިރު ވަރަށް ގިނަ އޭންގަލުން ބަލަންޖެހޭ ކަންތަކެއް އޭގައި ބަލަންވާތީވެ، ކުރޫޒް ޓާރމިނަލާއި،  ޔޮޓްމެރީނާއަށް ހާއްސަވެފައިވާ ބިންތައް ވަކިވަކިން ކޮންމެ ޕްރޮޖެކްޓަކަށް ބަލަންޖެހޭ ބެލުންތައް މިހާރު ބަލައި އެކަމަށް ރަސްމީކޮށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ ވާހަކަދައްކަމުން މިދަނީ" ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދުވަހެއް ދުވަހަކަށް ފުޅާވަމުން އަންނައިރު، މިފަދަ ޚިދުމަތެއް ރާއްޖޭގައި ތަޢާރަފް ވެގެންދިއުމަކީ، އިޖްތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުންވެސް ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާގެ ވިޝަނަރީ ތޯޓްސްއާއި، ޔޫތު ސިޓީ ޑިވެލޮޕްމެންޓް އަދި އިކޮނޮމިކް ޓްރާސްފޮމޭޝަން ޗޭންޖަޒްގެ އިތުރުން ގްރޭޓަރ މާލެ ރީޖަންއަށް މިގެނެވޭ ބަދަލުގައި އަޅުގަނޑު ގަބޫލްކުރާގޮތުގައި ޔޮޓްމެރީނާ އާއި ކުރޫޒް ޓާރމިނަލްއަށް އެކަނިވެސް ހަތެއް ނުވަތަ އަށްހާސް ވަޒީފާ އުފެއްދިގެންދާނެ. މީގެ މާނައަކީ ހުޅުމާލެ ޔޫތް ސިޓީއެއްގެ ގޮތުގައި ޑިވެލޮޕްވެގެން އަންނައިރު ހަމައެކަނި ރެސިޑެންޝަލް ސޮލިއުޝަންތަކެއް ނޫނޭ ދެވޭނީ. ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިގޮތަކަށް އޮތްކަމުގެ ޔަގީންކަން ދިވެހިންނަށް މިދަންނަވާ ޕްރޮޖެކްޓްތަކުން ލިބިގެންދާނެ. އިޖްތިމާއީ ނަޒަރަކުން ބެލިކަމުގައިވިޔަސް، އަދި ޢިޤްތިޞާދީ ނަޒަރަކުން ބެލިކަމުގައިވިޔަސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ޕްރޮޖެކްޓްތަކެއް ޔޮޓް މެރީނާ އަދި ކުރޫޒް ޓާރމިނަލް ޑެވެލޮޕްމެންޓް ޕްރޮޖެކްޓަކީ" ސައިމަން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14613359179416.jpg|ހުޅުމާލެ 2 ވަނަ ފިޔަވަހި ތަރައްޤީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް - ފައިލް ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ޔޮޓް މެރިނާ އާއި ކްރޫޒް ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި ސިންގަޕޫރާއި ދުބާއީގެ މަޝްހޫރު ކުންފުނިތައް ހިމެނޭކަމަށް އެޗް.ޑީ.ސީއިން މަޢުލޫމާތުދެއްވައެވެ. އަދި އަމާޒަކީ 2018 ވަނަ އަހަރުގެ ނިޔަލަށް ޔޮޓް މެރިނާ އާއި ކްރޫޒް ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ، އެތަނުގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.