ތިމާވެށި

ނ، ރ، ބ އަދި ޅ އަތޮޅުގެ ކުނި މެނޭޖްކުރުމުގެ މަޝްރުޢޫ ފަށައިފި


އުތުރު ސަރަޙައްދުގައި ހިމެނޭ ނ، ރ، ބ އަދި ޅ. އަތޮޅުގެ ކުނި މެނޭޖްކުރެއްވުމަށް ހިންގަވާ މަޝްރޫޢު ފަށްޓަވައިފިކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ. 

މަޝްރޫޢު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުނި ނަގަމުންދަނީ ރ.އަތޮޅު އަލިފުށިން ކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ. އުތުރު ސަރަޙައްދުގެ ކުނި ނައްތާލުމުގެ މަޝްރޫޢުގެ ދަށުން ކުނިމެނޭޖްކުރަން ފެށުމަކީ، އެ ސަރަޙައްދުގެ ރައްޔިތުން ކުރަމުން އައި އުއްމީދެއްގައި ޙަޤީޤީ ކުލަ ޖެހިގެންދިއުމެވެ. ނ، ރ، ބ އަދި ޅ އަތޮޅަކީ މީހުން ދިރިއުޅޭ 44 ރަށާއެކު 22 ރިސޯޓް އޮޕަރޭޓް ކުރަމުންދާ ސަރަޙައްދެކެވެ. ހަތަރު އަތޮޅުގައި ފަސްދޮޅަސް ފަސްހާސް މީހުން ދިރިއުޅެމުންދެއެވެ.

img:http://s3.psmnews.mv/images/660x400/14717737666999.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ

މި މަޝްރޫޢުގެ ދަށުން ރ. ވަންދޫގައި ކުނި ނައްތާލުމުގެ އެންމެ ޒަމާނީ ފެންވަރުގެ ސަރަޙައްދީ ނިޒާމެއް ވަނީ ޤާއިމް ކުރައްވާފައެވެ. މި ނިޒާމުގައި ދުވާލަކު 40 ޓަނުގެ ކުނި ނައްތާލެވޭ އިންސިނެރޭޓަކާއި، ވަންދުއަށް ކުނި ޖަމާކުރުމަށްޓަކައި ބާޖެއް ބޭނުންކުރަމުންދެއެވެ. މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އިންތިޒާމްތައް ކޮށް ނިންމުމަށްފަހު ކުނި މެނޭޖްކުރުމަށް ސަރުކާރުން ވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ވެމްކޯއާ ޙަވާލުކުރައްވާފައެވެ. ވެމްކޯއިން މިހާރު މިވަނީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.  

ވަންދޫގައި ބެހެއްޓިފައިވާ އިންސިނެރޭޓަރ އޮޕަރޭޝަނަށް ގެނައުމުގެ ކުރިން އެންމެ ފުރަތަމަ ކަމަކަށް އޮތީ، ރަށްރަށުގައި ހުރި ކުނިތައް ވަންދުއަށް ޖަމާކުރުމެވެ. އެގޮތުން މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ އަލިފުށީގައެވެ. އަލިފުށީގެ ތަޖުރިބާއިން ވެމްކޯއަށް އެނގިގެން ދިޔައީ، އެތައް ޒަމާނެއް ވަންދެން ކުނިގޮނޑުތަކަށް ޖަމާކޮށްފައި ހުރި ކުނިތައް ރަށްރަށުގައި ހުރިކަމެވެ. އަދި މިފަދަ ރަށްރަށުގެ ކުނި ގޮނޑުތައް ސާފުކުރުމަށް މަދުވެގެން ދެ ހަފްތާ ހޭދަވާނެކަމެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުއާދު ވިދާޅުވީ، އަލިފުށީގެ ތަޖުރިބާއަކީ ވެމްކޯގެ މަސައްކަތްތައް ރޭވުމުގައި ބޮޑު އެހީއަކަށް ވެފައިވާކަމަށެވެ.

img:http://s4.psmnews.mv/images/660x400/14642647041513.jpg|މާޅޮހު ކުނި މެނޭޖްކުރާ ސެންޓަރުގައި ކުނިން ތައްޔާރުކޮށްފައިވާ ގަސްކާނާ - ފައިލް ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

"އަލިފުށީގައި އެކަނިވެސް އެބަހުރި ފަސް ލޭންޑިން ކްރާފްޓްގެ ކުނި. ވަރަށް ގިނަދުވަސްވީ ކުނިވެސް އެބަހުރި. އަނެއްކާ ގިނަ ކުނިތައް ހުރީ ވަކިވެސް ނުކޮށް. ޤަބޫލުކުރެވޭ ގޮތުގައި ފުރަތަމަ ކުނި ނެގުމަށް ކުރަމުންމިދާ ދަތުރުތަކުގައި ކޮންމެ ރަށެއްގައިވެސް ހަފްތާއެއް ދެހަފްތާވަރު ވެދާނެ." ފުއާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، އިންސިނެރޭޓަރ އޮޕަރޭޓްކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ މިންވަރަކަށް ވަންދުއަށް ކުނި ޖަމާކުރުމަށްފަހުގައި ކަމަށެވެ.

"އިންސިނެރޭޓާރ އޮޕަރޭޓްކުރަން ފަށާނީ ދާއިމީކޮށް ބޭނުން ކުރާވަރަށް ކުނި ޖަމާވުމުން. ލަސްވަމުން މިދަނީ ރަށްތަކުގައި ފުރަތަމަ ބުރުގައި ނަގަން ހުރި ކުނިތައް ނެގުމުގައި ކުރިން ލަފާކުރި ވަރަށްވުރެ ގިނަ ދުވަސް ނަގާތީ. ނަމަވެސް އެ ރަށްތަކުގެ ކައުންސިލްތަކުންނާއި، ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމައެކު މަޝްރޫޢާމެދު ކުރެވޭ އުންމީދު ވަރަށް ބޮޑު" ފުވާދު ވިދާޅުވިއެވެ. 

އުތުރު ސަރަޙައްދުގެ ކުނި ނައްތާލާ ނިޒާމަކީ ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫޢުއެވެ. ވޯލްޑް ބޭންކްގެ ހިލޭ އެހީ މި މަޝްރޫޢަށް ލިބިފައިވީ ނަމަވެސް، ސަރަޙައްދުގައި ހިމެނޭ ރަށްތަކުގެ ކުނި ގޮނޑުތައް އަޕްގްރޭޑްކުރެވި، އަދި ކުނި ގޮނޑުތައް ޤާއިމްވެފައި ނެތް ރަށްތަކުގައި ކުނިގޮނޑު ޤާއިމްކުރެވިފައި ވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެނެވެ. އުތުރު ސަރަޙައްދުގައި ކުރިއަށް ގެންދަވާ މި މަޝްރޫޢާ އެއްގޮތަށް ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅާއި، ދެކުނުގެ ހަތަރު އަތޮޅުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން މިހާރު ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.