ޒަމާނުއްސުރެ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ އެއްބައިވެރިޔަކީ، ދިވެހިރާއްޖޭގެ އަޑެވެ. ދިވެހިންނާއެކު ދެގޮތެއްނުވި ގުޅުމެއް ފެށިތާ މިއަދަށް މިފުރުނީ، 63 އަހަރެވެ. ބަދަލެއް ނައިސް އަދިވެސް އަންނަނީ ޚިދުމަތް ދެމުންނެވެ.
1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވީ ހޮނިހިރު ދުވަހު އިވުނީ ދިވެއްސެއް ދިވެހިބަހުން ރޭޑިޔޯގެ ތެރެއިން ގޮވާލި އަޑެވެ. އެއާއެކު ދިވެހި ރާއްޖޭގައި މާލޭ ރޭޑިޔޯގެ ނަމުގައި ރޭޑިޔޯ ސްޓޭޝަނެއް އުފެދުނެވެ. މިއީ އޭރުގެ ރަޢީސް، އިބްރާހިމް ނާޞިރުގެ އިސްނެންގެވުމަކަށް ރާއްޖޭގައި ފެށުނު ޚިދުމަތެކެވެ.
ދިވެހިރާއްޖޭގެ އަޑުން އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރަން ފެށީ، 29 ޑިސެމްބަރު 1962ގެ މެންދުރު ދޭއް ޖެހިއިރުއެވެ. އެދުވަހު ބްރޯޑްކާސްޓު ކުރި ޕްރޮގްރާމްގައި އޮތީ، ދިވެހިރާއްޖެއާއި ބެހޭ 3 ޚަބަރާއި، ސަރުކާރުގެ 2 އިޢުލާނެކެވެ.
މާލެ ރޭޑިޔޯގެ ނަމުގައި ފެށި ރޭޑިޔޯގެ ޚިދުމަތް އެކި ދުވަސްވަރު އެކި ނަންނަމަށް ބަދަލުވަމުން ގޮސް ދިވެހިރާއްޖޭގެ އަޑުގެ ނަމަށް ބަދަލުކޮށް އެކަން އިޢުލާންކުރައްވާފައިވަނީ، 36 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ.އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ.
1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގައި، އާ ޓްރާންސްމީޓަރުތަކެއް ބަހައްޓައި، ދިވެހިރާއްޖޭގެ އަޑު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ހުރިހާ ވަގުތެއްގައިވެސް ލިބޭގޮތް ހަމަޖެއްސިއެވެ.
މިއަދު ދިވެހިރާއްޖޭގެ އަޑަކީ، ހުއްޓުމެއް ނެތި 24 ގަޑިއިރު ޚިދުމަތްދެމުން އަންނަ ރޭޑިޔޯ ޗެނަލެކެވެ. ދިވެހިރާއްޖޭގެ އަޑުން އަބަދުވެސް މަސައްކަތްކުރަނީ އޮއްޓަރު ހެޔޮ، ފޭރާން ރަނގަޅު، އެހުންތެރިން ޝައުޤުވެރިވާނެ އުފެއްދުންތައް ގެނެސްދިނުމަށެވެ. އޭގެ ތެރޭގައި ސްޓޫޑިޔޯއިން ވަގުތުން ގެނެސްދޭ ޕްރޮގްރާމްތަކާ ރެކޯޑެޑް ޕްރޮގްރާމްތައް ހިމެނެއެވެ. ދިވެހިރާއްޖޭގެ އަޑަކީ އެއްވެސް ގިންތިއެއް، އެއްވެސް އުމުރުފުރައެއް ބާކީނުކޮށް، އެންމެން ޝާމިލްވާ ގޮތަށް އަންގައިދީ، އުނގަންނައިދީ، މުނިފޫހިފިލުވައިދިނުމަށް ޚާއްސަ ޕްރޮގްރާމްތައް އުފައްދާ ރޭޑިޔޯ ޗެނަލެކެވެ.
މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެއްވެސް އަގެއް ދެއްކުމަކާ ނުލާ ޕީ.އެސް.އެމް އެއަރ މެދުވެރިކޮށް ދިވެހިރާއްޖޭގެ އަޑު ފަސޭހަކަމާއެކު އަޑު އަހާލެވޭނެއެވެ. އަދި ރައްޔިތުންގެ ރޭޑިޔޯގެ ހައިސިއްޔަތުން އެހުންތެރިން ބައިވެރި ކޮށްގެން ސްޓޫޑިޔޯއިން ވަގުތުން ގެނެސްދޭ ޕްރޮގްރާމްތައް ވަނީ އިތުރުވެފައެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތާއި މަންޒަރުތައް މީސްމީޑިޔާ މެދުވެރިކޮށް އެހުންތެރިންނާ ވަނީ ބައްދަލުކޮށްފައެވެ. މީސްމީޑިޔާގެ އެކި މަންސަތަކުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކާ ގުޅޭ އަދާހަމަކުރުންތައް ހޯދުމުގެ ފުރުސަތު އެހުންތެރިންނަށް ވަނީ ފަހިވެފައެވެ.
ދިވެހިރާއްޖޭގެ އަޑަކީ، ޒަމާނާ ފައިހަމަކޮށްފައިވާ ޗެނަލްތަކަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މީސްމީޑިޔާގެ މަންސަތައް މެދުވެރިކޮށް ޕްރޮގްރާމްތައް ލައިވްކޮށް ގެނެސްދެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑަކީ ޒަމާނީ މަންސަތަކުގައި އާންމުންގެ މެދުގައި މަޤްބޫލު ޗެނަލަކަށް ހެދުމަށް ދިވެހިރާއްޖޭގެ އަޑުގެ ރަސްމީ ޓިކްޓޮކް އެކައުންޓާއި، ފޭސްބުކް އެކައުންޓް އުފައްދާ، ޓިކްޓޮކާ ފޭސްބުކް ލައިވްތައް ވަނީ ފަށާފައެވެ. އަދި މީސްމީޑިޔާ މެދުވެރިކޮށް އެހުންތެރިންގެ ބައިވެރިވެރިވުންވެސް ވަނީ އިތުރުކޮށްފައެވެ.
ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ މީހުންގެ އަޑުތައް ގެނެސްދިނުމަށް ރާއްޖޭގެ ކަންކޮޅުތަކަށް ދިވެހިރާއްޖޭގެ އަޑުގެ ޓީމުތައް ދަތުރުކޮށް، އެ ސަރަހައްދުތަކުން ލައިވް ޕްރޮގްރާމްތަކާއި ރެކޯޑެޑް ޕްރޮގްރާމްތައް އަންނަނީ ގެނެސްދެމުންނެވެ.
1962 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފެށި ރޭޑިޔޯ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތަކީ، ދިވެހި ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އަދި މިއަދުވެސް އަދާކުރަމުންދާ ޤައުމީ ޚިދުމަތެކެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މިޚިދުމަތް ބިނާވެފައި އޮތީ ތެދު ޚަބަރާއި، މައުލޫމާތު ފޯރުކޮށްދިނުމާއި، ދިރިއުޅުމުގެ އެކިކަންކަމުގައި އާންމު ރައްޔިތުންނަށް ބޭނުންވާނެ އިރުޝާދު ދިނުމާއި، އެހުންތެރިންގެ މުނިފޫހި ފިލުވައިދިނުމުގެ މައްޗަށެވެ. މިޚިދުމަތް ދިވެހިރާއްޖޭގެ އަޑުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން އައީ ޚިދުމަތުގެ ފޮނި މޭވާތައް އަބަދުވެސް ދިވެހިންނަށް ލިބިލިބި ހުންނަ ބޭނުންތެރި ހަރުދަނާ ޚިދުމަތެއްގެ ގޮތުގައެވެ.
6 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ދިވެހިރާއްޖޭގެ އަޑަށް މިއަދު 63 އަހަރު ފުރުނުއިރު، ދިވެހިރާއްޖޭގެ އަޑުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ ރައްޔިތުންނަށް އެވަގުތަކަށް އެންމެ އެކަށީގެންވާ، އެވަގުތަކަށް އެންމެ މުހިއްމު އަދި އެވަގުތަކާ އެންމެ ގުޅޭ ގޮތަށް ޕްރޮގްރާމްތައް ބައްޓަން ކުރުމަށެވެ. ދިވެހިރާއްޖޭގެ އަޑުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، އެހުންތެރިންނަށް އަންގައިދީ އުނގަންނައިދީ މުނިފޫހިފިލުވައިދިނުމަށެވެ.