ރިޕޯޓް

"ސިޔާސަތަކީ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ޤައުމު ހިންގުން"


ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ރައްޔިތަކު އިޖްތިމާޢީ ނިޒާމުން ބާކީނުވެ، އެންމެންގެ ބައިވެރިވުން ހިމެނޭގޮތުން ޤައުމު ހިންގެވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ އިޖްތިމާޢީ މަސްރަޙް ހަމަގަށް އަޅުއްވައި، އިޖްތިމާޢީ ނިޒާމު ހަރުދަނާކުރައްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މީޑިއާތަކަށް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ ސަރުކާރުން ކުރައްވާ އިޖްތިމާޢީ ހުރިހާ މަސައްކަތެއް ބައްޓަންކުރައްވާފައިވާނީ އެންމެންގެ ބައިވެރިވުން ހިމެނޭ އިޖްތިމާޢީ ނިޒާމެއް ޤާއިމުކުރެއްވުމަށްކަމަށެވެ. އެގޮތުން ކުށްކުރާ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ނެރުއްވުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޒުވާޏުންނާއި ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން ހިންގަވާ އެކިއެކި ޕްރޮގްރާމްތަކަކީ މިސިޔާސަތުގެ ދަށުން ކުރައްވާ މަސައްކަތްތައް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14729835884843.jpg|ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ސޯޝަލް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ސޯޝަލް ކައުންސިލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ރާއްޖޭގެ އިޖްތިމާޢީ ނިޒާމު އިތުރަށް ވަރުގަދަކުރައްވައި ހަރުދަނާކުރެއްވުމުގެ ގޮތުން، މަގުމަތިވެފައިވާ ކުށްކުރާ ޒުވާނުންގެ ރިހެބިލިޓޭޓް ކުރެއްވުމުގެ މަސައްކަތަކީ ޚާއްޞަ އިސްކަމެއް ދެއްވާ މަސައްކަތްތަކެއްކަމަށެވެ. މި މައްސައްކަތްތަކުގެ ދަށުށް ރިހެބިލިޓޭޓް ކުރެއްވުމަށްފަހު މުޖުތަމަޢަށް ނިކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށްޓަކައި ދައުލަތުގެ ކުންފުނިތަކާ މަޝްވަރާކުރައްވާފައިވާ ކަމަށާއި، އެފަދަ ފަރާތްތަކަށް ވަޒީފާގެ އިންތިޒާމް ކައިރި މުސްތަޤްބަލެއްގައި ހަމަޖެހިގެންދާނެކަމަށެވެ. ޒުވާނުން ކުށްތަކަށް އަރައިގަތުން މަދުކުރެއްވުމަށް އިޖްތިމާޢީ އެކި ކަންކަން އިތުރުކުރައްވައި އެކަންކަންމުގައި ޒުވާނުން މަސްއޫލުކުރެއްވުމުގެ ސިޔާސަތައް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޖަމްޢިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކުރެއްވުމަށް އިސްކަންދެއްވާ ކަމުގައި ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14729828012121.jpg|މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު - ފޮޓޯ: ޕީއެސްއެމް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ރާއްޖޭގައި ދީނީ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް ސަކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ޢުމްރާނީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މިހާރުވެސް 30 މިސްކިތް ޢިމާރާތްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިއީ ދިވެހި ތާރީޚްގައިވެސް އެއްފަހަރާ މިހާގިނަ ޢަދަދެއްގެ މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމާއި، ދީނީ ފަތުވާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ދީނީ ފަތުވާދެއްވުމަށް ޚާއްޞަ ބަޔަކު ކަނޑައެޅުއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވަޤްފުގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14729910215847.jpg|އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ސޯޝަލް ކައުންސިލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ތަޢުލީމީ ދާއިރާއިން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާފައިވާ މަސައްކަތަކީ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރެއްވުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މަސައްކަތްކުރާ ދާއިމީ ހުރިހާ ޓީޗަރުންނަކީ ޑިޕްލޮމާ ޙާޞިލްކޮށްފައިވާ ޓީޗަރުންނަށް ހަދައި، ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީންކުރެއްވުމުގެ މަސައްކަތް ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14729912061060.jpg|އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ޖެންޑަރ މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހަމަޖެހި މިވީ މަދު ދުވަސްތަކުގެ ތެރޭގައި ޖެންޑަރ އީކުއަލިޓީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަމަށެވެ. އެގޮތުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަންހެނުންގެ ކުރިއެރުމަށް ހޭލުންތެރިކުރުވުމުގެ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގަވާފައިވާކަމަށް ޒެނީޝާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެކި ޕްރޮގްރާމްތައް ރާއްވަވައި ހިންގަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސޯޝަލް ކައުންސިލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން މިހާތަނަށް ހޯއްދަވާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ނައިބު ރައީސާއި ވަޒީރުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ އެކި މައްސަލަތައް ޙައްލުކުރެއްވުމާ ގުޅޭ މަޝްވަރާތައް ކުރައްވައި މުހިންމު ނިންމެވުންތައް ނިންމެވުމަށް ސޯޝަލް ކައުންސިލުން ހަފްތާއަކު 4 ފަހަރު ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވައެވެ.