ޚަބަރު

ވައްކަން ކުރުމުގައި ތަކުރާރުކޮށް ކުށްކުރާ 1،000އެއްހާ މީހުން


  • މި އަހަރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ 1،425 މައްސަލަ ހުށަހެޅި

  • ތަކުރާރުކޮށް ކުށްކުރުމުގައި ހަރަކާތްތެރިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ މީހުން

ވައްކަން ކުރުމުގައި މާލެ ސަރަހައްދުގައި ތަކުރާރުކޮށް ކުށްކުރާ 1000 އެއްހާ މީހުން އުޅޭކަމަށް ލަފާކުރެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މާލެ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި 3،449 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު މީގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ ކަމަށެވެ. އެގޮތުން، ވައްކަމާއި ފޭރުމުގެ 1،425 މައްސަލަ ހުށަހަޅާފައިވާއިރު މީގެ ތެރޭގައި ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށާއި އޭގެ ތެރޭގައިވެސް ސައިކަލުތައް ވަގަށް ނެގުން ގިނަ ކަމަށް ވިދާޅުވިއެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި 967 ސައިކަލެއް ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާއިރު 865 ސައިކަލު ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި މިއަހަރުގެ ތެރޭގައި ހުށަހެޅި މައްސަލަތަކުގައި 50،483،610 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވައްކަން ކުރުމުގައި ތަކުރާރުކޮށް ކުށްކުރާ 1000 އެއްހާ މީހުން ފާހަގަކުރެވިފައިވާ ކަމަށްވެސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މީގެ ތެރޭގައި 128 ފަހަރު ހައްޔަރުކޮށްފައިވާ މީހުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީީހާއި ކްރިމިނަލް ކޯޓާއި އަދި އަޅުގަނޑުމެންނާ ގުޅިގެން މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން ރިޕީޓް އޮފެންޑާސްތަކުގެ ތެރެއިން އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން މީގެ ތެރެއިން މުޖުތަމައުން އެކަހެރިކުރުމަށް ހުކުމް ކުރަންޖެހޭ މީހުންނަށް ވީހާވެސް އަވަހަށް ހުކުމް ކުރުމަށް މަސައްކަތް ފަށައިގެން މިއުޅެނީ. މީގެ ނަތީޖާ ހައެއްކަ މަހުން ފެންނާނެ." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ތަކުރާރުކޮށް ވައްކަން ކުރުމުގައި ހަރަކާތްތެެރިވާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ 2،288 މައްސަލައެއް ބަލައި، 2،542 މައްސަލައެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި 107 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.