ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް އަމާޒު ކުރާ "ލިޓް ފެސްޓް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.
ޒުވާނުން ބާރުވެރިކުރުމާ ގުޅޭ ވުޒާރާއިން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހަފްތާ ބަންދުގައެވެ. އެގޮތުން މިމަހުގެ 25 އާއި 26 އަދި 27 ގައި އޮންނާނެއެެވެ.
އުމުރުން 14 އަހަރާއި 20 އާ ދެމެދުގެ އުމުރު ފުރާއަށް އަމާޒުކުރާ މި ފެސްޓިވަލްގައި އަރޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައި ވެއެވެ. އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ހިމެނެއެވެ.
މި ފެސްޓިވަލް އިންތިޒާމް ކުރާ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއި ހަރަކާތްތަކަށް ހިނގާނެ ޚަރަދު އެ ވުޒާރައިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތިވެސް އެ ވުޒާރާއިން ހޯދައިދޭނެ ކަމަށެވެ.
3 ދުވަހަށް ކުރިއަށްގެންދާ މި ފެސްޓިވަލަކީ އާންމުންނަށް ޒިޔާރަތް ކުރެވޭނެ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގެ ބައިވެރިން ތައްޔާރު ކުރާ ތަކެތި ވިއްކުމުގެ ފުރުޞަތު އެ ބައިވެރިންނަށް ލިބިގެން ދާނެއެވެ.
ޒުވާނުން ބާރުވެރިކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ލިޓް ފެސްޓުގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ ކަމަށާއި، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ. އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާ ކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުން ކަމުގައިވެސް އެވުޒާއިން ވިދާޅުވިއެވެ.