ރިޕޯޓް

ދިވެހި ޙައްޖާޖީންގެ ޚިދުމަތުގައި ތިބި ދިވެހި ދަރިވަރުން


މަދީނާ ޔުނިވަރސިޓީގައި ތަޢުލީމް ހާޞިލްކުރަމުން އަންނަ ދިވެހި ދަރިވަރުންގެ އަދަދު މަދުނަމަވެސް އެ ހުރިހާ ދަރިވަރުންވެސް ފާހަގަކުރެވެނީ ދިވެހި ޙައްޖާޖީންގެ ވަރަށް ގާތް ބައެއްގެ ގޮތުގައެވެ. ކިޔެވުމުގައި ބުރަކޮށް މަސައްކަތް ކުރަމުން ޙައްޖު ދުވަސްވަރު އެކުދިންގެ ގިނަ ވަގުތުތައް ހޭދަކުރަނީ ދިވެހި ޙައްޖާޖީންނަށް ޚިދުމަތް ކޮށްދިނުމުގައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، މި އަހަރު ރާއްޖެއިން 2،000 އަށްވުރެ ގިނަ ޙައްޖާޖީން ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައިވެއެވެ. ދިވެހި ޙައްޖާޖީން ތިބެނީ މައްކާގައި ނަމަވެސް، މަދީނާގެ މުހިއްމު ތަންތަން ބަލާލުމުގެ ފުރުޞަތު ޙައްޖާޖީންނަށް ފަހިކޮށްދިނުމުގެ ގޮތުން ޙައްޖު ގްރޫޕްތަކުން ޚާއްޞަ ދަތުރުތަކެއް ހަމަޖައްސާފައިވެއެވެ. މި ދަތުރުތަކުގައި ދިވެހި ޙައްޖާޖީންގެ އެންމެ ގާތް ބަޔަކަށް ވެގެންދަނީ މަދީނާ ޔުނިވަރސިޓީގައި ތަޢުލީން ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނެވެ.

އެ ޔުނިވަރސިޓީގައި ދިވެހި 150 އެއްހާ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދެއެވެ. ޙައްޖާޖީން މަދީނާގައި ހޭދަކުރާ ދުވަސްތަކުގައި، ދިވެހި ދަރިވަރުން މަސައްކަތް ކުރަނީ ޙައްޖާޖީންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައެވެ. ކިޔެވުމަށް ދަތިނުވާނޭ ގޮތަށް ވަގުތުތައް ބަހާލައިގެން، ދިވެހި ދަރިވަރުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަވަދިނެތި އުޅެނީ، މި މަސައްކަތަކީ އަމިއްލަ އުފަލެއްގެ ގޮތުގައި ދެކިގެން، ހިލޭ ސާބަހަށެވެ. މަދީނާގައި ޙައްޖާޖީން ހޭދަކުރާ ދުވަސްތަކުގައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހި ދަރިވަރުން ފަށާފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އަދި، މި މަސައްކަތަށް މިހާތަނަށް އެއްވެސް މަޑުޖެހުމެއް ނުވަތަ ހުއްޓުމެއް އައިސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މަދީނާގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް ތަނަކީ، މުސްލިމުންގެ ދެވަނައަށް އެންމެ މުޤައްދަސް ބިންކަމަށްވާ، އަދި މުސްލިމުންގެ ދެވަނަ ޙަރަމްފުޅުކަމަށްވާ މަސްޖިދުއް-ނަބަވީގެ ތެރެއަށްވާ ގޮތަށް އޮންނަ ރައުޟާއެވެ. ސުވަރުގޭގެ ބައެއްގެ ގޮތުގައި ހިމެނޭ މި ތަނުގައި ސުންނަތް ނަމާދެއް ކޮށްލުމަށް އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރެއެވެ. އަދި، އެތަން ހުޅުވާލުމާއިއެކު، ޙައްޖާޖީން، އެކަކު އަނެކަކަށް ބެލުމެއްނެތި، އެތަނަށް ވަދެގަންނަކަން ފާހަގަކުރެވެއެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، އެތަނަށް ވަންނަން ބޭނުންވާ ދިވެހި ޙައްޖާޖީންނަށް އެއްވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ވިޔަ ނުދިނުމަށްޓަކައި، މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުން، ޙައްޖާޖީންނާއިއެކު އެތަނަށް ވަދެ، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭކަމެވެ. އަދި، ޚާއްޞަކޮށް، ދިވެހި ޙައްޖާޖީންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމާއި، އިރުޝާދު ދިނުމުގައި ދަރިވަރުން، ވަރުބަލިކަމެއް ނެތި ޙަރަކާތްތެރިވާކަމެވެ.

ދިވެހި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ޓީމްގައި އިސްކޮށް ޙަރަކާތްތެރިވާ އިމްރާން މުޙައްމަދު ބުނީ، މަދީނާގައި ދިވެހި ދަރިވަރުން ތަޢުލީމް ހާޞިލްކުރަން ފެށީއްސުރެ، ދިވެހި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަރިވަރުން ފަށާފައިވާ ކަމަށެވެ. އަދި، ދިވެހި ޙައްޖާޖީންނަށް ޚިދުމަތްކުރުމަށް ދަރިވަރުން ވަގުތު ހުސް ކުރަނީ، އެކަމަށް އޮންނަ ލޯތްބާއި، ހިތްހަމަޖެހުމާއި، އުފަލެއްގެ ބޮޑުކަމުން ކަމަށް ބުންޏެވެ.

މަދީނާގެ އެހެނިހެން މުޙިއްމު ބިނާތައް ކަމަށްވާ އުޙުދު ފަރުބަދައާއި، ޤުބާ މިސްކިތާއި، ދެ ޤިބްލަ މިސްކިތް ޙައްޖާޖީންނަށް ދައްކާލުމަށްވެސް ދިވެހި ދަރިވަރުން މަސައްކަތްކުރެއެވެ. އަދި، އެ ތަންތަނާއި ގުޅޭ ތާރީޚީ މަޢުލޫމާތާއި، ވާހަކަތައް، އެ ކުދިން ޙައްޖާޖީންނާއި ޙިއްޞާކުރެއެވެ. އިސްލާމް ދީނާއި ގުޅުންހުރި ބިނާތަކާއި ތަންތަނާއިބެހޭ މަޢުލޫމާތު ދިވެހި ފޮތްތަކުގައި ލިޔެވިފައި ވީނަމަވެސް، ޙައްޖާޖީންނަށް އެ ތަންތަނާއި ބެހޭ މަޢުލޫމާތު ދިވެހި ދަރިވަރުން ފޯރުކޮށްދޭ ވަގުތު ގިނަ ޙައްޖާޖީންގެ ލޮލުން ކަރުނަ ހިލުވާލައެވެ.

ބުރަކޮށް ކިޔެވުމުގައި އުޅެމުންވެސް މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ދިވެހި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތު ހުސްކުރެއެވެ. އަދި، މީގެ އިތުރުން، ކިޔެވުމުގެ މަސައްކަތްތަކަށް ވަގުތު ހުސް ކުރަމުން، ޙައްޖާޖީންގެ އިތުރުން، ޢުމްރާއަށް ދާ ދިވެހީންނަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ދަރިވަރުން މަސައްކަތް ކުރަނީ ނަމޫނާ ދައްކަމުންނެވެ.