ޚަބަރު

442 ވޭޕް ކާޓްރިޖާއި 2 ސިނގިރޭޓް ކާޓޫން ފުލުހުންގެ ބެލުމުގެ ދަށަށް


  • މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވޭ

  • ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވޭ

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިންކަމަށެވެ.

މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖާއި 2 ސިނގިރޭޓް ކާޓޫނުގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.