ތިމާވެށި

އެމެރިކާއާއި ޗައިނާއިން ޕެރިސް އެގްރީމެންޓު ތަސްދީޤު ކޮށްފި


އެމެރިކާއާއި ޗައިނާއިން ޕެރިސް އެގްރީމެންޓު ތަސްދީޤު ކުރުމުން ރާއްޖެއިން އެ ދެ ޤައުމަށް މަރުޙަބާ ކިޔައިފިއެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ޤައުމުތަކުން އެއްބަސްވެ، ޕެރިސް އެގްރީމެންޓް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަރަންސޭސި ވިލާތުގެ ޕެރިހުގައި ބޭއްވި ކޮޕް ޓުވެންޓީ-ވަން ޕެރިސް ކްލައިމެޓް ކޮންފަރެންސްގައެވެ. މި އެއްބަސްވުން ވެގެންދިޔައީ، 195 ޤައުމުން ފާސްކުރި، މޫސުމާއިބެހޭ މިފަދަ އެންމެ ފުރަތަމަ ޤާނޫނީ ބާރު ލިބިގެންވާ އެއްބަސްވުމަށެވެ. މި އެއްބަސްވުމުގެ އެންމެ މައިގަނޑު ޢަމާޒަކީ، ދުނިޔެ ހޫނުވަމުންދާ ނިސްބަތް ދޭއް ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ކޮންޓްރޯލް ކުރުމެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ، ނުވަތަ ކާރބަންގެ ނިސްބަތުގެ، އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ ތަރައްޤީވެފައިވާ ޤައުމުތަކެވެ. މީގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުކަމުގައި ބެލެވޭ އެމެރިކާއާއި ޗައިނާއިން، މި ނިސްބަތުގެ 40 އިންސައްތަ ޙިއްޞާ ކުރެއެވެ. އަދި، މި ދެ ޤައުމަކީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިން ބޮޑު އެއްބާރުލުމެއް ދީފައިވާ ދެ ޤައުމު ނޫންކަން ފާހަގަކޮށްލެވެއެވެ.

img:http://s4.psmnews.mv/images/660x400/14613455060417.jpg|އދގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ޕެރިސް އެގްރިމަންޓްގައި ރާއްޖޭގެ ފަރާތުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ސޮއިކުރައްވަނީ- ފައިލް ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

ނަމަވެސް، ޕެރިސް އެގްރީމެންޓް ތަސްދީޤު ކުރުމަށް މި ދެ ޤައުމުން ނިންމި ނިންމުން ވެގެންދިޔައީ، މުޅި ދުނިޔެ ސިއްސުވާލި، އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދެ ޤައުމަށް ތަޢުރީފް ޢަމާޒުވެގެންދިޔަ ކަމަކަށެވެ. ރާއްޖެއިންވެސް ވަނީ މި ދެ ޤައުމަށް މަރުޙަބާ ކިޔާފައެވެ. އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި، މިއީ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށްވެސް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި، މިއީ މި އަހަރުގެ ފަހުކޮޅު މި އެއްބަސްވުން ތަންފީޒު ކުރަން ފެށުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް، މި ކަން ހާޞިލްވާނީ އެންމެ މަދު ވެގެން 55 ޤައުމުން މި އެއްބަސްވުން ތަސްދީޤު ކުރުމުންނެވެ. މިހާތަނަށް 26 ޤައުމުން މި އެއްބަސްވުން ތަސްދީޤުކޮށްފައިވާއިރު، ރާއްޖެ ހިމެނެނީ، މި އެއްބަސްވުން ތަސްދިޤު ކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައެވެ. އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްވަނީ، އެމެރިކާއާއި ޗައިނާއިން ދައްކާފައިވާ މިސާލު ބަލައިގަނެ، އެހެން ޤައުމުތަކުންވެސް މި އެއްބަސްވުން ތަސްދީޤުކުރުމުގައި ފަސް ނުޖެހުމަށް ގޮވާލައްވާފައެވެ.

ޕެރިސް އެގްރީމެންޓް ތަސްދީޤު ކުރެއްވުމަށްފަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގވެސްވަނީ މި އެއްބަސްވުން ތަސްދީޤު ކުރުން އަވަސްކުރުމަށް އެހެން ޤައުމުތަކަށް ބާރުއަޅުއްވާފައެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސިފަ ކުރައްވާ ގޮތުގައި، މި އެއްބަސްވުމަކީ، ދުނިޔޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، ރައްކާތެރިކުރުމަށް އޮތް ހަމައެކަނި ފުރުޞަތެވެ. އަދި، އޭނާވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފަށް އެމެރިކާއާއި ޗައިނާއިން އެރުމަށް އެ ޤައުމާއިއެކު މަސައްކަތް ކުރުމަށް ވަޢުދުވެ ވަޑައިގެންފައެވެ.

ޤައުމުތަކުން ޖައްވަށް ވިހަ މާއްދާތައް ދޫކުރާ ނިސްބަތަށް ބަލާލާއިރު، މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާ އާއި ޗައިނާއެވެ. އެއީ، ޗައިނާއިން 20 އިންސައްތަ، އަދި އެމެރިކާއިން 17.89 އިންސައްތައެވެ. މި ލިސްޓުގެ ކުރީގައި އުޅޭ އިތުރު ޤައުމުތަކުގެ ތެރެއިން ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން ޙިއްޞާ ކުރަނީ 12.09 އިންސައްތައެވެ. އަދި، ދެން އެންމެ ކުރީގައި އުޅޭ ރަޝިޔާއިން 7.53 އިންސައްތައެވެ. އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާއިން ޙިއްޞާ ކުރަނީ 4.10 އިންސައްތައެވެ. އަދި، ދެން ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބްރެޒިލްއެވެ. މީގެ ތެރެއިން، ވިލާތުގެ އިއްތިހާދާއި، އިންޑިއާ، ރަޝިޔާ، އަދި އިނގިރޭސި ވިލާތުން، ޕެރިސް އެގްރީމެންޓް ތަސްދީޤު ކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ޕެރިސް އެގްރީމެންޓް ތަންފީޒުކުރަން ފެށުމަށް، އިތުރު 32 ޤައުމުން މި އެއްބަސްވުން ތަސްދީޤު ކުރަން ޖެހެއެވެ. ދިވެހިރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކޮށް، ތަސްދީޤުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގައެވެ.

 ދުނިޔެ ހޫނުވުމާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން، އަދި ޚާއްޞަކޮށް ބިން ތިރި ޤައުމުތަކާއި، ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ނުރައްކާތެރިކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް، ކުދި ޖަޒީރާ ޤައުމުތަކުގެ ގުޅުން، އެއޮސިސްގެ ޗެއަރގެ ހައިޞިއްޔަތުން ރާއްޖެއިން ގެންދަނީ ހުއްޓުމެއްނެތި ވަކާލާތު ކުރަމުންނެވެ. އަދި، ޕެރިސް އެގްރީމެންޓް އެކުލަވާލާ، އެ އެއްބަސްވުން ހަޤީޤަތަކަށް ހެދުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތާއި، އެ އެއްބަސްވުމަކީ ކާމިޔާބީއަކަށް ހެދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.