ޚަބަރު

ފަހު ވަގުތު ޖެހި ލަނޑުތަކުން އީގަލްސް ބަލިކޮށް ބުރު ތިންވަނަ އަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހުވަގުތު ޖެހި ލަނޑުތަކުން ކްލަބް އީގަލްސް ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ތަންވަނައަށް ޖެހިލައިފިއެވެ. ބުރުން މެޗު ކާމިޔާބު ކުރީ 2-3 ލަނޑުންނެވެ.

މި ނަތީޖާ އެކު ބުރު ތިންވަނައަށް ޖެހިލީ ކުޅުނު 11 މެޗުން ހޯދި 20 ޕޮއިންޓާއެކުއެވެ. ކުރިން ތިންވަނައިގައި އޮތް ނިއުއަށް ވެސް 20 ޕޮއިންޓް ހޯދުނު އިރު އެޓީމު ހަތަރުވަނައަށް ވެއްޓުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބުރުން ވަނީ މޮޅުކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް މެޗު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސްއިންނެވެ. އެއީ މެޗުގެ 5 ވަނަ މިނިޓުގައި އީގަލްސްގެ ކަނާތު ބެކަށް ކުޅެމުންދިޔަ ޔޫސުފް ސިދާމް އަލީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ތަނަވަސްކުރި ފުރުސަތެކެވެ. އެހެންނަމަވެސް އިބްރާހިމް މަހުދީ ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ 27 ވަނަ މިނިޓުގައި ހާފުގެ މެދެއްހާ ހިސާބުގަ ހުރެ ބުރުގެ މުހައްމަދު ނާއިމް ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. 42 ވަނަ މިނިޓުގައި ބުރުގެ ހަޑްސަން ޑިއަސް އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާފަ ނާއިމް އަށް ޖައްސާލި ބޯޅަ އޭނާ ޖެހީ ބޭރަށެވެ.

އީގަލްސް އިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުފަށައިގެން 5 ވަނަ މިނިޓުގައި އިބްރާހިމް މަހުދީއަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ކަނަށް ވައްދައިލައިގެންނެވެ. މި ލަނޑަށް ފަހު މެޗުގެ ފަހުކޮޅާ ހަމައަށް ދެ ޓީމަށްވެސް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ބުރުން ނަތީޖާ ހަމަހަމަ ކުރީ 83 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ނާއިމްއަށް ލިބުނު ބޯޅައެއް ގޯލަށް ވައްދައިލައިގެންނެވެ. ބުރުން ޖެހި ދެވަނަ ލަނޑަކީ އަހުމަދު އަބްދުﷲ ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގަ ޖެހިފަ ނުކުތުމުން އޭރިއާ ތެރޭގައި ހުރި އިބްރާހިމް އުސާމާ ހަސަން މަޖީދު ކާމިޔާނބު ކޮއްދިން ލަނޑެކެވެ. މި ލަނޑު އުސާމާ ޖެހީ 87 ވަނަ މިނިޓުގައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހަޑަސަން ދިން ބޯޅައެއް ހިފައިގެން ވަދެ ނާއިމް ވަނީ ބުރަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އީގަލްސްގެ ދެވަނަ ލަނޑު އިތުރު ވަގުތު ތެރޭގައި ކާމިޔާބުކޮށްދިނީ ގިނަދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން ފުރަތަމަ ޑިވިޝަންގައި ކުޅެންފެށި ކުރީގެ މަޝްހޫރު ތަރި ޝަމްވީލް ގާސިމް (ބޮންޑާ)އެވެ. މި ލަނޑަކީ އޭރިޔާ ތެރެއިން ބޮލުން އޭނާ ގޯލަށް ވައްދާލި ލަނޑެކެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ކުޅުނު މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މިއީ ބުރު ލީގުގައި ހޯދި 6 ވަނަ މޮޅެވެ.