އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވޯކް އިންޓަވިއުތަކެއް ބާއްވަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް ކޮންމެ އިންތިޚާބަކާއި ގުޅިގެން ވަގުތީ މުވައްޒަފުން ނަގައެވެ. މިއަން އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އެކި ދާއިރާތަކުން ބޭނުންވާ މުވައްޒަފުން ނެގުމަށް މިމަހުގެ 10 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެކޮމިޝަނުން ކުރި އިއުލާނުގައި 172 މުވައްޒަފަކު އެކި ދައިރާތަކުން ނެގުމަށް ނިންމާފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މުވައްޒަފުން ނެގުމަށްޓަކައި މާލެ ސަރަހައްދުގައި ދެ ވޯކްއިން އިންޓަވިއުތަކެއް ބާއްވާން ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ވޯކް-އިން އިންޓަވިއު ބާއްވާނީ މިމަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް -2 ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ. ދެވަނަ ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދާނީ 27 ވަނަ ދުވަހު ކަލާފާނު ސްކޫލުގައި ކަމަށެވެ.
މި ވޯކްއިން އިންޓިވިއުތައް ކުރިއަށް ދާނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ރޭގަނޑު 10:30 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އިލެކްޝަންސްއިން ވިދާޅުވީ ވޯކް-އިން އިންޓަރވިއުއަށް ޙާޟިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓްގެ އިތުރުން ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.
މި މަގާމުތަކަށް ހޮވޭ މީހުން މަސައްކަތް ކުރާނީ ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ނިމުމާ ހަމައަށެވެ. ކޮންޓްރެކްޓް އުސޫލުން ނަގާ މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ އިތުރުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. އިލެކްޝަންސް އިން މިމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިންތިޙާބުގައި މަސައްކަތް ކުރާނެ މުވައްޒަފުން ނެގުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާއިރު، މިދިޔަ އޯގަސްޓް މަހުވެސް މުވައްޒަފުން ހޯދުމަށް ވޯކްއިން އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރިލް 4ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.