ޚަބަރު

ކިއްސަރު ފެއަރ އދ. މަހިބަދޫގައި ފަށައިފި


ޒުވާނުންނަށް ޚާއްޞަކޮށްފައިވާ ސަތޭކަފަންސާހަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތާއެކު ކިއްސަރު ފެއަރ އދ. މަހިބަދޫގައި ފަށައިފިއެވެ.

ކިއްސަރ ފެއަރ ރަސްމީކޮށް ހުޅުއްވައިދެއްވީ، ޔޫތު މިނިސްޓަރގެ ނާއިބު ޢަބްދުލްމުޙްސިން ޙަމީދެވެ. މިފެއަރ މާދަމާރޭގެ ދިހައެއްޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.

ކިއްސަރު ފެއަރއަކީ، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއިބެހޭ މަޢުލޫމާތު އަތޮޅުތަކުގައިދިރިއުޅޭ ޒުވާނުންނަށް ފޯރުކޮށްދެއްވާ، އެފަދަ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާ، ވަޒީފާތަކަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވަވަމުން ގެންދަވާ ފެއަރއެކެވެ. މިފެއަރ އިންތިޒާމް ކުރައްވާ މިއީ 5 ވަނަ އަހަރެވެ. އަދި، މިއީ މިއަހަރު ކިއްސަރ ފެއަރ ބާއްވަވާ 3 ވަނަ ފަހަރެވެ.

20 ސްޓޯލާއެކު އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްގެންދަވާ ކިއްސަރު ފެއަރ އިން 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް ޔޫތް މިނިސްޓްރީން ލަފާކުރައްވައެވެ.

ފެއަރ ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރގެ ނާއިބު ޢަބްދުލްމުޙްސިން ޙަމީދު ވިދާޅުވި ގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމާއި، ޒުވާނުންގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި، އދ. އަތޮޅަށް ޚާއްޞަ ކުރައްވައިގެން، މި އަހަރުގެ މިހާތަނަށް، 5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢު ހިންގަވަމުން ގެންދަވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2017ގެ ނިޔަލަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ 80 ޕަސެންޓް މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަންދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް އަހުލުވެރި ކުރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، ޢަބްދުލްމުޙްސިން ޙަމީދުވަނީ، ކިއްސަރު ފެއަރގައި ހުޅުވާލައްވާފައިވާ ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އދ. އަތޮޅުގެ ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.

އދ. އަތޮޅުގެ ފަރާތުން ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ސުހާނާ އާދަމް ވިދާޅުވީ، މި ފެއަރގެ ސަބަބުން އަތޮޅުތެރޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ދެނެގަނެވި، ޒުވާނުންނަށް އެފުރުޞަތުގެ ބޭނުން ކުރުމުގެ މަގު ފަހިކޮށްދެވިފައިވާކަމަށެވެ.

ކިއްސަރު ފެއަރގައި ސްޓޯލްތައް ހިންގާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް އިދާރާތަކާއި، ރާއްޖޭގެ ބޮޑެތިކުންފުނިތަކާއި، ރިޒޯޓްތައް އަދި ގެސްޓްހައުސް ހިންގާ ފަރާތްތައް ހިމެނެއެވެ. ފެއަރގައި ސްޓޯލްތައް ހިންގާ ފަރާތްތަކުން އިންޓަރންޝިޕްގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، އަމިއްލައަށް ކުރެވިދާނެ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތުދަނީ ފޯރުކޮށްދެމުންނެވެ.

މަހިބަދޫގައި ކުރިއަށްދާ މިފެއަރއަށް ޒިޔާރަތްކުރަންބޭނުންވާ އެ އަތޮޅުގެ އެހެން ރަށްރަށުގެ ފަރާތްތަކަށް ޔޫތް މިސްޓްރީންވަނީ ދަތުރު ފަތުރުގެ އިންތިޒާމްތައް ހަމަޖައްސަވާފައެވެ.

ކިއްސަރު ފެއަރއަކީ 2007 ވަނަ އަހަރުން ފެށިގެން، ޒުވާނުންނަށް ހުރި ވަޒީފާއާއި ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ބާއްވަވާ ފެއަރއެކެވެ. މިއަހަރުގެ ތެރޭގައި ކިއްސަރު ފެއަރ އައްޑޫ ސިޓީ އާއި މާލޭގައި ބާއްވަވާފައިވެއެވެ.