ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބިދޭސީން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ނުދޭން ނިންމި ދާއިރާތަކުގައި "ބޭބީ ސިޓަރ"ގެ ގޮތުގައި ގެންނަ ބިދޭސީން ނުގެނެވޭނެ ގޮތަށް އޮތް އޮތުން ބަދަލުކޮށްފިއެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އާންމުކޮށްފައިވަނީ އާދިއްތަ ދުވަހުގައެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ކުރިއަށް އޮތް 2 އަހަރަށްފަހު ބައެއް ދާއިރާތަކުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން އެތެރެވުމަށް ކޯޓާ ނުދޭގޮތަށްވަނީ ހަމަޖައްސަވާފައެވެ. އެދާއިރާތަކުގެ ތެރޭގައި ވަޒީފާއަށްދާ ބެލެނިވެރިން، ކުޑަކުދިންގާތުގައި މަޑުކުރުމަށް ރާއްޖެއަށް ގެންނަ ބިދޭސީން ނުވަތަ ބޭބީ ސިޓަރގެ ގޮތުގައި ގެންނަ ބިދޭސީން ނުގެނެވޭގޮތަށްވަނީ ނިންމަވާފައެވެ.
މިބަދަލާއެކު ގިނަ ބައެއްގެ ކަންބޮޑުވުންވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއާއެކު ސަރުކާރުން މިހާރުވަނީ މިގަވާއިދު އިސްލާޙުކޮށް އެބޭނުމުގައި ޢާއިލާތަކުން ގެންނަ ބިދޭސީން ރާއްޖެއަށް ގެނައުން ހުއްޓާލުމަށް އޮތް އޮތުން ބަދަލުކޮށްފައެވެ.
ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާގުޅޭ ގަވާއިދުގައިވަނީ އެކި ދާއިރާތަކުން ވަޒީފާގެ ބޭނުމަށް ރާއްޖެއަށް ނުގެނެވޭގޮތަށް ހަމަޖައްސަވާފައެވެ. މީގެ ތެރެއިން ބައެއް ދާއިރާތަކަށް 2 އަހަރު ފަހުން އަދި ދެން ހުރި ދާއިރާތަކުން 3 އަހަރު، 4 އަދި 5 އަހަރު ފަހުން ބިދޭސީން ގެނައުން ހުއްޓުވުމަށްވަނީ ކަނޑައަޅާފައެވެ.
މިގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ހެއަރ ޑްރެސަރ، ބިއުޓީޝަން، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން، ގެސްޓް ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް އެކައުންޓެންޓް އަދި އިމާމުންގެ ގޮތުގައި ބިދޭސީން އެތެރެކުރުމަށް ސަރުކާރުން ކޯޓާ ދޫނުކުރާނެއެވެ.
ރާއްޖޭގައި ބައެއް ދާއިރާތަކުގެ ވަޒީފާ ހަމައެކަނި ދިވެހީންނަށް ޚާއްސަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. އޭގެ ތެރޭގައި ފަންނުވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން ދިވެހީންގެ ތެރޭގައި އެމަސައްކަތް ކުރުމުގެ ޝައުގު ހުންނަ އަދި އެދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކޮށްފައިވާ ދިވެހީން ތިބި ދާއިރާތައް ދިވެހީންނަށް ޚާއްސަކުރެއްވުމަށްދަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ.