އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ވަށައިގެން ހުރި ސަރަޙައްދުތަކުގައި އެންމެ ނުރައްކާ މިންވަރަށް ވައި ތަޣައްޔަރުވެ، އެކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.
އިންޑިއާގެ ތިމާވެއްޓާބެހޭ ވުޒާރާއިން ނެރުނު ސަމާލެއްގައި ވަނީ ކޮމިޝަން ފޯ އެއާ ކޮލިޓީ މެނޭޖްމަންޓުން ނިއު ދިއްލީ އާއި ވަށައިގެންވާ ސަރަޙައްދުތަކަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ އެންމެ މަތީ ދަރަޖަކަމަށްވާ، ސްޓޭޖް ހަތަރަކަށް މަތިކޮށް، އޭގެ ދަށުން ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
ނިއު ދިއްލީގެ އެއަރ ކޮލިޓީ އިންޑެކްސް ނުވަތަ ވައިގެ ކޮލިޓީ އިއްޔެ ހުރި 430 އިން މިއަދު ވަނީ 450 އަށް އުފުލިފައެވެ. ވައިގެ ކޮލިޓީ ބަލެމުގައި ގެންގުޅޭ މިންގަނޑަށް ބަލާއިރު، 50 އިން މަތީގެ ކޮންމެ އަދަދަކީ ސިއްޙަތަށް ގެއްލުން ލިބޭނެ ޙާލަތެއްކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ވައި ތަޣައްޔަރުވުން ހުއްޓުވުމަށް އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މި ސަރަޙައްދުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް މަނާކުރުމުގެ އިތުރުން، ކުރީގެ ބައެއް މޮޑަލްތަކުގެ ތެޔޮ އުފުލާ އުޅަނދުތައް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.
ނިޔު ދިއްލީއަކީ ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ވެރިރަށެވެ. ޚާއްޞަކޮށް ފިނި މޫސުމައި ދިމާކޮށް ވައި ތެއްވުމުގެ ސަބަބުން ނިޔު ދިއްލީ ސަރަޙައްދުގައި ދިރިއުޅޭ 30 މިލިޔަން މީހުންނަށް ނޭވާލާން އުނދަގޫވެ ބޮޑެތި ޞިއްޙީ މައްސަލަތަކައި ކުރިމަތިލާން ޖެހެއެވެ. ނިޔު ދިއްލީގެ ވައި އިންތިހާއަށް ތަޣައްޔަރުވަނީ ކައިރި ސަރަޙައްދުތަކުގެ ދަނޑުބިންތައް ސާފުކުރުމަށް އަލިފާން ރޯކުރުމާއި ބޯޓުދެލިން ހިންގައި އިންޖީނުގެތަކުންނާއި ދުއްވައި އުޅަނދުތަކުން ބޭރުވާ ދުމުގެ ސަބަބުންނެވެ.