ޚަބަރު

ވެލެންސިއާ އަތުން ނިއުއަށް ތިން ޕޮއިންޓް


  • މި ދެ ޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ނިއު

  • މިއީ ލީގުގައ ނިއު ހޯދި ހަވަނަ މޮޅު

ދިރާގު ދިވެހި ޕްރިމިއަރ ލީގު 2025/26 ގައި ކުލަބު ވެލެންސިއާ އަތުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.

މި މޮޅާއެކު ކުޅުނު 10 މެޗުން ހޯދި 20 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތީ ލީގު ތާވަލުގެ 3 ވަނައިގައެވެ.

ޓްރާންސްފާގައި ދެ ޓީމާވެސް ގުނު ބައެއް އައު ކުޅުންތެރިން ފެނުނުއިރު، މެޗުގެ ދެވަނަ ހާފުގައި ނިއުއާ އަލަށް ގުޅުނު މުހައްމަދު ފާސީރު ވަނީ ކުޅެން ނުކުމެ ލަނޑުވެސް ޖަހާފައެވެ. ވެލެންސިއާއާ އަލަށް ގުޅުނު ޑިފެންސިވް މިޑްފީލްޑަރ އުރުގުއާއީގެ އަމަޓިއަސް މާޓިނޭޒް ވަނީ މެޗުގައި ފުލްކޮށް އެ ޓީމަށް ކުޅެފައެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ނިއުއަށް ދެއްކިފައެއް ނުވެއެވެ. ވެލެންސިއާއިން އެޓޭކު އުފެއްދުމަށް މަސައްތް ކުރިއިރު، މާ ނުރައްކާތެރި ހަމަލާއެއް ނިއުއިން ވެލެންސިއާ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ ވެލެންސިއާއިންނެވެ. ވެލެންސިއާގެ ޑިފެންޑަރ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ އަތުލާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ގޯލަށް އަމާޒުކޮށް ނިއުއިން ފޮނުވާލި ހަމައެކަނި ހަމަލާ ގޯލަށް ވައްދާލިއިރު، މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ގޯމޭޒް ޑި ސިލްވާއެވެ.

ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރެވެ. ފާސިރު މި ލަނޑު ކާމިޔާބުކުރީ 50 ވަނަ މިނިޓުގައި ހަސަން ރާއިފު އަހުމަދު ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން ވެލެންސިއާގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލިވިގެން އުޅެނިކޮށް، ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގަައިވެސް ރަނގަޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާއިދު މުހައްމަދު ޖަވީޒެވެ. އާއިދު މި ލަނޑު ޖެހީ މެޗުގެ 59 މިނިޓުގައެވެ. މިއީ ވެލެންސިޔާގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ ނަގައިދިން ބޯޅައެއް އޭރިއާ ތެރޭގައި ހުސްކޮށްހުރި އާއިދުގެ ގައިގައި ޖެހިފައި ވަން ލަނޑެކެވެ.

މި ލަނޑަށްފަހު އޭރިއާ ބޭރުން ނިއުގެ ޑި ސިލްވާ ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކުރިއިރު، އޭގެފަހުން އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޑި ސިލްވާ ނަގައިދިން ކޯނަރެއް އޭރިއާ ތެރެއިން ސާފުކޮށްނުލެވިގެން އުޅިނިކޮށް ރާއިފެވެ. މި ލަނޑަށްފަހު ވެލެންސިއާގެ ކީޕަރު ވިއޮރެލް ފައުލުކުރި ކަމަށް ބުނެ އޭނާ ވަނީ ހިތްހަމަނުޖެހިގެން ދަނޑުން ފައިބަން މަސައްކަތް ކޮށްފައެވެ. އެންމެ ފަހުން ކީޕަރު ހުއްޓުވީ ވެލެންސިއާގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.

މި މެޗުން ނިއު މޮޅުވިއިރު، މި ދެ ޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ އެ ޓީމުންނެވެ. މިއީ ލީގުގައ ނިއުއިން ހޯދި ހަވަނަ މޮޅެވެ.