ކުޅިވަރު

އަޔާޒް އާއި ފާސިރު ނުހިމަނައި ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިޢުލާންކޮށްފި


  • ސްކޮޑުން އަލަށް ހަ ކުޅުންތެރިއަކު ޖާގަ ހޯދާފައިވޭ

  • ސްކޮޑުގައި ހަތަރު ކީޕަރަކު ވަނީ ހިމަނާފައި

  • ސްކޮޑުން ޖާގަ ލިބިފައިނުވަނީ ފާސިރު، އަޔާޒް، ހާފިޒު، ސާމިން، އަދި ނާސިހުއަށް

އަންނަ އަހަރު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިޢުލާންކޮށްފިއެވެ. އަލަށް މި ސްކޮޑުން ފުރުސަތު ހޯދި މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހުސެއިން ޝަރީފް، ޢަބްދުﷲ ޖުނައިދު، އަލީ ހައިޝަމް، މުޙައްމަދު އިސާމް، ޢަބްދުﷲ ޝާފިއު އަދި އަޙްމަދު ހަމީދެވެ.

18 ކުޅުންތެރިން ހިމެނޭ މި ސްކޮޑުން ޖާގަހޯދި އިތުރު މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އޭޝިއަން ކަޕުގެ ސްކޮޑުގައި ހިމެނުނު މުޙައްމަދު އިމްރާން، އިޝާން އިބްރާހީމް، ހުޒައިފަތު ރަޝީދު، އަލީ ޝިޔާހު، އަލީ ޝަމާލް އަބްދުﷲ، އަހުމަދު ރާހިލް ރަޝީދު، ހަސަން ސުހައިލް، އަދި އިސްމާޢީލް ވަޖީހުއެވެ.

މީގެ އިތުރުން ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑުން ހަތަރު ކީޕަރަކަށް ވަނީ ޖާގަ ދީފައެވެ. އެއީ މުހައްމަދު ލުފްސާން އާއި އިބްރާހީމް ނާޖިހުގެ އިތުރުން ޢަބްދުﷲ ޒިމާމް އަދި ޒައިދާން އަޙްމަދެވެ.

އޭޝިއަން ކަޕުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރުގެ ސްކޮޑުން ޖާގަ ލިބިފައިނުވަނީ މުޙައްމަދު ފާސިރު، އަޔާޒް އަޙްމަދުގެ އިތުރުން އަލީ ހާފިޒާއި ސާމިން މުޙައްމަދު ނަސީރު އަދި ޢަބްދުﷲ ނާސިހަށެވެ.

މީގެ ތެރެއިން ފާސިރު އަދި އަޔާޒް އަންނަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގައި ކުޅެމުންނެވެ. އަދި ހާފިޒް މިވަގުތު ހުރީ އަނިޔާގައެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޖެނުއަރީ މަހު ތައިލެންޑުގެ ނޮންތަންބުރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށެވެ. ލީގު ފޯމެޓަށް ކުރިއަށްދާ މިމުބާރާތުގައި ސަރަހައްދީ ހަތް ގައުމަކުން ޓީމުތައް ވާދަކުރާނެއެވެ.

ޖެނުއަރީ މަހުގެ 13 އިން 26 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ފުރަތަމަ ނުކުންނާނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުމަށްފަހު ޖެނުއަރީ 20 ވަނަ ދުވަހު ތިންވަނަ މެޗަށް ރާއްޖެ ނުކުންނާނީ އިންޑިއާއާ ވާދަކުރުމަށެވެ.

އެއަށްފަހު އޭގެ ދެ ދުވަސް ފަހުން ޖެނުއަރީ 22 ވަނަ ދުވަހު ހަތަރުވަނަ މެޗުގައި ނޭޕާލާ ވާދަކުރުމަށްފަހު، ފަސްވަނަ މެޗަށް ނުކުންނާނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހެވެ. އެ މެޗުގައި ރާއްޖެ ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެއިން ނުކުންނާނީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު މި މަހު ފަހުކޮޅު ޗައިނާއަށް ތަމްރީނު ކޭމްޕަކަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕުގެ ބޭނުމަކީ އިންޑޯއަށް ފަރިތަވެލުން ކަމަށް ޓީމުގެ ހެޑް ކޯޗު ފާރޫކް ޒަކިރޯވް ވަނީ ބުނެފައެވެ. އުޒަބަކިސްތާނަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު ބުނެފައިވަނީ ޗައިނާގައި އިންޑޯ ފަރިތަކުރުންތަކެއް 10 ވަރަކަށް ދުވަހަށް ބޭއްވިއްޖެނަމަ، ވަރުގަދަ ޓީމެއް މުބާރާތަށް ނެރެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

މި މުބާރާތަށް ރާއްޖޭގެ ފުޓްސަލް ޓީމު ތައްޔާރުކުރުމަށް ޒަކިރޯވްއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެންމެ ފަހުން ޤައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކުރި ކޯޗު އަޙްމަދު ނިޔާޒް އާއި ކޯޗު އަޙްމަދު އަހުސަން އާއި މުޙައްމަދު ފުހެއިދު އަދި މުޙައްމަދު އިހުސާނެވެ.