އ.ދ.ގެ ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ ކޮންވެންޝަން (އުންކެކް) ގެ ދައުލަތްތަކުގެ ފަރާތްތަކުގެ ބައްދަލުވުން (ކޮސްޕް11) ގައި ބައިވެރިވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 19 އަށް ޤަތަރުގެ ދޯހާގައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް އޭސީސީން ވިދާޅުވިއެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ މި ކޮންފަރެންސް އިންތިޒާމުކުރަނީ އ.ދ.ގެ މަސްތުވާތަކެއްޗާއި ކުށާ ދެކޮޅަށް މަސައްކަތްކުރާ އޮފީސް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ޤަތަރު ގުޅިގެންނެވެ. ކޮސްޕް11 އަކީ އުންކެކްއާ ގުޅޭގޮތުން ނިންމުންތައް ނިންމާ މައިގަނޑު ފޯރަމެވެ. މި ބައްދަލުވުމުގައި ދައުލަތްތަކުގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ސިވިލް ސޮސައިޓީގެ ފަރާތްތައް އެއްވެ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ކުރިއެރުންތައް ވަޒަންކޮށް، ޤަރާރުތައް ފާސްކޮށް، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރެއެވެ.
ކޮސްޕް11 ގައި، ބައިވެރިވާ ދައުލަތްތަކުން އުންކެކްގެ އެންގުންތައް ތަންފީޒުކުރާ މިންވަރު މުރާޖަޢާކޮށް، އެންމެ ރަނގަޅު އުސޫލުތައް ހިއްސާކޮށް، ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ސްޓްރެޓެޖީތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މީގެ އިތުރުން، މި ކޮންފަރެންސަކީ ސިވިލް ސޮސައިޓީއާއި ޕްރައިވެޓް ސެކްޓަރ ހިމެނޭ ގޮތަށް، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި ކޮންފަރެންސްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި އެން.ޖީ.އޯތަކުގެ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޮސްޕް11 ގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދުތަކަކީ ބައިނަލްއަޤްވާމީ ގުޅުން ވަރުގަދަކުރުމާއި، އެހެނިހެން ޤައުމުތަކުގެ ޓެކްނިކަލް އެހީތެރިކަން ހޯދުމާއި، ކޮމިޝަނުން ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް ހިއްސާކުރުމާއިއެކު ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.