ޙަޤީޤީ މާނާގައި ކައުންސިލުތައް ހިންގުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، އިންޓަރނަލް އޮޑިޓް ރަނގަޅުވުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ލޯކަލް ކައުންސިލް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަރނަލް އޮޑިޓް ކޮންފަރެންސަކީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެލްޖީއޭއާއި، އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އައިއޭއޭއިން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކައުންސިލުތަކުން ކުރާ މަސައްކަތްތަކަކީ، ހަރުދަނާ މީހުން ބަލައިގަންނަ އަދި އިތުބާރު ކުރާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި އިންޓަރނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ކައުންސިލުތަކުން ދޭ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޓަރނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުން ކަމަށެވެ.
''ޙަޤީޤީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު، ބޭނުންވާނެ އެއް ނިޒާމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން'' ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެެވެ.
ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގައި ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މާލިއްޔަތުގެ ޤަވާއިދުގައި ހުރި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކައުންސިލްތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެވިއްޖެނަމަ، ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ނިޒާމުގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ކައުންސިލްތަކުން ކުރާ މަސައްކަތްތަކަކީ ހަގީގީ މާނާގައި ކޮރަޕްޝަނާއި ދުރުހެލި، ނަޒާހާތްތެރި އަދި ރައްޔިތުންގެ އިތުބާރު އެންމެ ފުރިހަމައަށް ލިބޭ މަސައްކަތްތަކަށް އެބަ ހަދަންޖެހޭ. އެއީ، ލާމަރުކަޒީ ނިޒާމަށް މިއަދު އެންމެ ބޭނުންވާ އެއްކަމަކީ، ރައްޔިތުންގެ އިތުބާރު މި ނިޒާމަށް ހޯދާދިނުން ކަމުގައިވާތީ. އެހެންކަމުން ރައްޔިތުންގެ އިތުބާރު މި ނިޒާމަށް ހޯދައިދިނުމަށް އިންޓަރނަލް އޮޑިޓް ހަރުދަނާކުރުން ވަރަށް މުހިންމުވެގެން އެބަދޭ." ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތަޖުރިބާތައް ޙިއްސާ ކުރުމަަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްތައް ތައްޔާރު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން އަމަލީ ގޮތުން އޮޑިޓް ކުރުމާއި، އޮޑިޓް ރިޕޯޓު ހެދުމުގެ މަސައްކަތު ބައްދަލުވުންތައްވެސް މި ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކުވެސް ވަކި ތީމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރު ބިނާކޮށްފައިވަނީ، ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްތައް ހަރުދަނާ ކުރުމަށެވެ. އެގޮތުން މިއަހަރުގެ ޝިއާރަކީ، "ސްޓްރެންތެނިން ގަވަނެންސް؛ އިންޓްރޮޑިއުސިން އިންޓަރނަލް އޮޑިޓް ފޯރ އެފެކްޓިވް ކައުންސިލް އޯވަރ ސައިޓް" މިއެވެ.