ދިވެހި ފުލުހުންގެ ޚިދުމަތަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ، އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެންމެ ޚައްސާސް އަދި އެންމެ ހަލުވިކަމާއެކު ސީދާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭންޖެހޭ އެއް މުއައްސަސާއެވެ. މުޅި ދިވެހި މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމަން އަމާންކަން ބެލެހެއްޓުން ހަވާލުވެފައި އޮންނަނީ ދިވެހި ފުލުހުންގެ ޚިދުމަތާއެވެ. ދިވެހިރާއްޖޭގެ ޤާނޫނު ނެގެހެއްޓުމާއި ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމަޢެއް ބިނާކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާއަކީ ދިވެހި ފުލުހުންގެ ޚިދުމަތެވެ.
މިހެން ކަން އޮތްއިރު، ބަދަލުވަމުން އަންނަ ދުނިޔޭގައި މިހާރު ހޯދަމުންދާ އީޖާދީ ބަދަލުތަކަށް އަހުލުވެރި، ފަންނިއްޔާތުގެ ވަޞީލަތްތައް ބޭނުންކުރާ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތްވުމަކީ އަވަސް، ކޮލިޓީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ލާޒިމުކަމެކެވެ. އެހެންކަމުން ފުލުހުންގެ އެކި ބަހާތަކުގައި ފަންނިއްޔާތުގެ ފަސޭހަ ނިޒާމުތައް ޤާއިމުކޮށް، އެވޭލާ ގޮތްތައް ދޫކޮށް ޒަމާނީ އިންތިޒާމުތަކެއް ހަމަޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިކަން ދެނެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަންނިއްޔާތުގެ އެކި ވަޞީލަތްތައް ދިވެހި އެކި އިދާރާތަކުގެ މެދުގައި ޤާއިމުކޮށް، ޑިޖިޓަލް މާޙައުލެއް ޤާއިމުކުރެއްވުމަށް މޯލްޑިވްސް 2.0ގެ ނަމުގައި ޚާއްސަ މަޝްރޫޢެއް އިފްތިތާޙުކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް އަންނަނީ މަސައްކަތްތައް ޑިޖިޓަލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޮޓޮމޭޓެޑް ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުންނެވެ. މި މަސައްކަތުގައި މިފަހުން ފުލުހުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ.
އެގޮތުން ފުލުހުންގެ އެކި ބަހާތަކުން ކުރަންޖެހޭ ޚިދުމަތްތައް ޑިޖިޓަލްކޮށް، ސިޓީބިޓީ ބަދަލުކޮށްގެން ކުރިން ކުރަމުން އައި ކަންކަން ފަސޭހަ ސިސްޓަމެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިގެންގޮސްފައެވެ. މިހާރު ފުލުހުން ބޭނުންކުރަން ފަށާފައިވާ ގިނަ ޕޯޓަލްތަކެއް މީޑިއާތަކަށް ވަނީ ދައްކާލާފައެވެ. މީގެ ތެރެއިން ބައެއް ޕޯޓަލްތަކަކީ ފުލުހުންގެ ކިބައިން ތަފާތު ޚިދުމަތްތަކަށް އެދެވޭ ގޮތަށް ޢާންމުންނަށް ބޭނުންކުރަން ހުޅުވާލާފައިވާ ޕޯޓަލްތަކެކެވެ.
ފުލުހުން ޢާންމުކުރި އެއް ޕޯޓަލަކީ ސައިބަރ ކުށުގެ މާޙައުލަށް މީހުން ހޭލުންތެރިކުރުމަށް ޓަކައި ޢާންމުކުރި ސައިބަރ ޕޯޓަލްއެވެ. މި ޕޯޓަލްގެ ތެރެއިން ސައިބަރ ކުށްތަކާ ގުޅުންހުރި މަޢުލޫމާތާއި ރައްކާތެރި ގޮތުގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
މިހާތަނަށް ސްކޭމެއްކަމަށް ފާހަގަވެފައިވާ އެސްއެމްއެސްތަކާއި ފޯން ނަންބަރުތަކާއި ބޭންކު އެކައުންޓްތަކާއި އީމެއިލް އެޑްރެސްގެ އިތުރުން ވެބްސައިޓުތަކުގެ މަޢުލޫމާތު ޕޯޓަލްގައި ވަނީ ޢާންމުކޮށްފައެވެ.
ފުލުހުންގެ ޕެމްސް ޕޯޓަލްއަކީ ފުލުހުންގެ އެއް ޑިޕާޓްމަންޓާއި އަނެއް ޑިޕާޓްމަންޓާ ދެމެދު މުވާސަލާތުކުރުމަށް ބޭނުންކުރުމަށް އުފެއްދި ޕޯޓަލްއެކެވެ. މީގެ ތެރެއިން ނޯޓާއި މެމޯއާއި ސިޓީތައް އެއް ޑިޕާޓްމަންޓާ އަނެއް ޑިޕާޓްމަންޓާ ދެމެދު ބަދަލުކުރެވެއިރު، އެއް މުވައްޒަފަކަށް އަނެއް މުވައްޒަފަކަށް ވެސް ލިޔުމާއި ނޯޓް ފޮނުވޭނެއެވެ.
ފުލުހުން ވަނީ އެ އިދާރާއިން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ ފަސޭހައިން ބަލާލެވޭ ގޮތަށް އިންފްރާސްޓްރަކްޗަރ މެނޭޖްމެންޓް ސިސްޓަމެއް ވެސް ޤާއިމުކޮށްފައެވެ. މީގެ ތެރެއިން ޕޮލިސް ސްޓޭޝަންއެޅުމުގެ މަޝްރޫޢުތަކުގެ އަދާހަމަ ބަލައިލެވި، ކަނޑައަޅާފައިވާ ތާވަލަށް މަޝްރޫޢުތައް ކުރިއަށްދާކަން ކަށަވަރުކުރުމަށް ފަސޭހަވާނެއެވެ.
މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ކަމާ ބެހޭ އިދާރާތަކަށާއި ކައުންސިލްތަކަށްވެސް މަޝްރޫޢުތަކުގެ އަދާހަމަ ޙިއްސާކުރެވޭނެ ގޮތަށެވެ.
ފުލުހުންގެ ފްލީޓް މެނޭޖްމަންޓް ސިސްޓަމަކީ ފުލުހުން ގެންގުޅޭ އުޅަނދުތައް ފަސޭހަ އިންތިޒާމެއްގެ ތެރެއިން މެނޭޖުކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، އުޅަނދުތަކުގެ ޙާލަތު ވަގުތުން ޓްރެކްކުރެވި، ތެލަށްކުރާ ޚަރަދާއި އުޅަނދުތަކަށް ބޭނުންވާ އެއްޗެހީގެ ސްޓޮކު ފަސޭހަކަމާއެކު މެނޭޖުކުރެވޭނެއެވެ.
ފުލުހުންގެ އެޕްލިކޭޝަންކަމަށްވާ ޕޮލިސް އެޕްއަށް އަލަށް އިތުރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި މައްސަލަ ހުށައެޅުމާއި ތަހުޤީޤުކުރާ މައްސަލަތަކާ ގުޅޭ ހެކި ހުށަހެޅުމާއި ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓްކުރެވޭނެ ގޮތް ހަމަޖެހުން ހިމެނެއެވެ. އަދި މައްސަލަ ތަޙުޤީޤުކުރާ އޮފިސަރުގެ މަޢުލޫމާތާއި އެ ފަރާތާ ސީދާ މުޢާމަލާތް ކުރެވޭނެ ނިޒާމެއް ވެސް އެޕްލިކޭޝަންގެ ތެރެއިން މިހާރު ވަނީ ފަހިވެފައެވެ.
ހަމައެއާއެކު ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ޚިދުމަތްވެސް މި އެޕްލިކޭޝަނާއެކު ވަނީ ތަޢާރަފުވެފައެވެ. އަދި ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ތަކެއްޗާއި، ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މަޢުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
ފުލުހުންގެ ޚިދުމަތުގެ އެކި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއެކު އަވަހަށް ޚިދުމަތްތައް ފޯރުކޮށްދެވި، އޮޓޮމޭޓެޑް ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް މަސައްކަތް މިވަނީ ބަދަލުވެފައެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ނާޒާހާތްތެރިކަން މުއައްސަސާގެ ތެރޭގައި މި މަސައްކަތުގެ ސަބަބުން ކަށަވަރުކުރެވޭނެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރައްވައެވެ.