ޚަބަރު

ދެވަނަ ފިޔަވަހީގެ ނުހެދި ހުރި މަގުތަކުގެ މަސައްކަތް އަންނަ އަހަރު ފަށަނީ


  • ހުޅުމާލޭގެ ބައެއް މަގުތައް ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި

  • ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ އަންނަ އަހަރު އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި މިހާރަށް ވުރެ ބޮޑަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ޚާއްސަކޮށް ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނައިރު އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މިހާރަށް ވުރެ ބޮޑަށް އެސަރަޙައްދު ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެއިތުރުން ދެވަނަ ފިޔަވަހީގައި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުއްޓިފައި ހުރި މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ޒުހައިރު ވިދާޅުވީ ބައެއް މަޝްރޫޢުތަކަކީ ކޯޓު މަރުހަލާގައިވާ މަޝްރޫޢުތަކެއްކަމަށް ވުމުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"ފޭސް 1 އަދި ފޭސް 2 ވެސް ތަރައްޤީވަމުން އަންނައިރު މި ދެންނެވި ގޮތަށް ފުރިހަމަވެގެންދާނެ. ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން އެސްޓީއޯ ހޮޓެލް ފާހަގަކޮށްލެވޭ. ނަމަވެސް އެ މަޝްރޫޢުވެސް މިހާރު އަލުން ކުރިއަށް އެ ގެންދަނީ" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާ މިމަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. ޗައިނާ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޭސް 1ގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށެވެ. ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުމަށްވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

އެ ކުންފުންޏާ ދެން ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި މީގެކުރިން ހަދާފައިވާ މަގުތަކުގެތެރެއިން، ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމާލޭގެ ފިތުރޯނު މަގާއި އެހެން ބައެއް މަގުތައް މަރާމާތުކުރާނެއެވެ. މިމަޝްރޫޢުގެ ތެރެއިން ފޭސް 1ގައި މިހާރު ތާރު އަޅާފައި ނެތް ހުރިހާ މަގެއް ތަރައްޤީކުރާނެއެވެ. ފޭސް 1 އަދި 2 ގެ މަގުތައް ހެދުމުގެ މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.