ޚަބަރު

އަލަށް އަޅާ ކައުންސިލް އިމާރާތްތައް ޖޫން މަހުގެ ނިޔަލަށް ނިންމާ ތަޅުދަނޑި ހަވާލުކުރަނީ


  • 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައި

  • 55 ކައުންސިލް އިމާރާތް ކުރަނީ އާރްސީސީއާ ހަވާލުކޮށްގެން

  • 50 ކައުންސިލް އިމާރާތް ކުރަނީ ޗައިނާގެ ސަރުކާރުގެ އެހީގައި

ފެށޭ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 55 ކައުންސިލް އިދާރާގެ މަސައްކަތްތައް ނިންމާ ކައުންސިލްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް ފެށޭ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އަދި ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމާ ކައުންސިލްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގައި 50 ކައުންސިލެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިއީ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެކެވެ.

މި މަޝްރޫޢަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ، ސިޑްކާގެ ފަރާތުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އައު ކައުންސިލް އިދާރާތައް އެޅުމަށް ހަމަޖެހިފައިވާ ރަށްރަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

ކައުންސިލް އިމާރާތްތައް ތަރައްޤީކުރަނީ މިހާރު ހުރި އިމާރާތްތަކަކީ ބާ އިމާރާތްތަކަކަށްވެފައި ޖާގައިގެ ގޮތުންވެސް ކުޑަ އިމާރާތްތަކަކަށް ވުމުންނެވެ. އަދި މިހާރު ތަރައްޤީކުރާ އިމާރާތްތަކަކީ ޖާގަ ތަނަވަސް އިމާރާތްތަކަކަށް ވާނެކަމަށް ސިޓީ ތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ތަރައްގީ ކުރާ އައު ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު އަންނަ އަހަރު ނިމޭއިރު %75 ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިންމައި، ޚިދުމަތްތައް ބަދަލުކުރެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.