މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ޚާއްސަ ވަގުތީ ޕާކިންގ އާންމުންނަށް ހުޅުވާލައިފިއެވެ.
މިކަމަށްޓަކައި ހުޅުމާލެ ފޭސް 2 ގައި މިއަދު ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ.
މި ޕާކިން ޒޯން ތަރައްޤީކޮށްފައިވަނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ އޮޅުހިޔާއާއި ޖެހިގެންނެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ވެހިކަލްތައް ޕާކު ކުރާނެ ތަނެއް ނެތިގެން މަގުތަކާއި އާންމުން އެއްވާ ތަންތަނުގައި އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ކަމަށެވެ. ނަމަވެސް މި ޕާކިންގ ޒޯންއާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޕާކިންގ ސަރަހައްދެއް ހެދި ނަމަވެސް މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނީ، ޕާކިންއަށް ހުޅުވާލާފައިވާ ސަރަހައްދުތަކުގައި އާންމުން ޕާކު ކުރުމުން ކަމަށާއި، އެހެންކަމުން މި ސަރަހައްދުގައި ޕާކު ކުރެވޭ އުޅަނދުތައް އެތަނުގައި ޕާކު ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
" ވަގުތީގޮތުން އަޅުގަނޑުމެން މިގޮތައް ކަންތައްތައް ކުރަމުން މިގެންދަނީ، ޕާކިންގ ބިލްޑިންގ އެޅި ދާއިމީ ހައްލެއް ލިބެންދެކަވެސް މިހާރުން މިހާރަށް މިކަމަށް ހައްލެއް ގެންނަން ޖެހޭތީ. ރައީސްގެ އިރުޝާދުފުޅުން އަޅުގަނޑުމެން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭތޯ މި މަސައްކަތް ކުރަނީ، ޕާކިންގ މައްސަލަތަކުގައި ހުރި ދަތިތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ." ވަޒީރު އަމީން ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، އިތުރު ވަގުތީ ޕާކިންއެއް މި ހުޅުވާލީ މިކަމުގެ މުހިންމު ކަމުގެ ސަބަބުން ކަމަށެވެ. މީގެއިތުރުން ޕާކިންގ މައްސަލައަށް ހައްލެއް ގެނައުމަށް ޕާކިންގ ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ޒުހައިރު ފާހަގަކުރެއްވިއެވެ.
" މިހާރުވެސް ޕާކިންގ ބިލްޑިންގތަކެއް އެޅުމުގެ މަސައްކަތްތަކެއްވެސް ދަނީ، މިނިސްޓްރީއާއި އެޗްޑީސީއާއި ގުޅިގެން ކުރިއަށް ގެންދަމުން. މިކަންތައްތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން މިދަނީ، ސަރުކާރުގެ މެންޑޭޓާއި އެއްގޮތަށް މަސައްކަތް ކުރަމުން." ޢަލީ ޒުހައިރު ވިދާޅުވިއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕާކިންއާއިއެކު މި ހުޅުވިގެންދަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ޕާކު ކުރާނެ ޖާގައެއް ކަމަށެވެ. މިތަނުގައި 1200 އަށްވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެއެވެ. މި ޕާކިންގައި ޕާކު ކުރެވޭނީ، ހަމައެކަނި 4 ފުރޮޅުލީ އުޅަނދުތަކަށެވެ.
މީގެކުރިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޕާކިންގ ސަރަހައްދުތަކާއިއެކު މިހާތަނަށް 2500 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްކޮށްދީފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.