ޚަބަރު

‎ޑިޖިޓަލް ޚިދުމަތްތައް ގުޅާލައި، ޑޭޓާ ހިއްސާކުރުން ހަރުދަނާކުރުމުގެ ޕްރޮގުރާމެއް


  • މިއީ 3 ދުވަހަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް

  • މި ޕްރޮގްރާމުގައި "ގަވް ސްޓެކް" ބޭނުންކުރާގޮތް ދަސްކޮށްދޭނެ

ދިވެހިރާއްޖޭގެ ޑިޖިޓަލް މާހައުލުގައި ޚިދުމަތްތައް ގުޅުވައިލެވޭނެ ގޮތްތަކަށް ފަރުމާކުރުމާއި ޑޭޓާ ހިއްސާ ކުރުމާބެހޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ 3 ދުވަހަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

‎"ވޯކްޝޮޕް އޮން ޑިޒައިނިން އިންޓަރޮޕަރެބަލް ޑިޖިޓަލް އެންވަޔަރމެންޓް ސަރވިސް ފޯރ މޯލްޑިވްސް"ގެ ނަމުގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވަނީ މި ޕްރޮގްރާމް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި މި ފޯކަސް ކުރަނީ ޑޭޓަރ ޝެއަރިންގ ޕްލެޓްފޯމްތައް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް. އެގޮތުން އޭގެ އެއް ސްޓޭންޑާޑާކީ މުޅި ދުނިޔޭގައިވެސް ބޭނުންކުރާ 'ގަވް ސްޓެކް' ސްޓޭންޑާޑް. އަޅުގަނޑުމެން މި ވޯކްޝޮޕްގަ މި ބިލްޑިންގް ބްލޮކްސް އޮފް ގަވް ސްޓެކް މި ދަސްކޮށްދެނީ." ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، މި ދާއިރާގެ ޕްރޮފެޝަނަލުންނަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކަމާއެކު ގުޅުވައިލެވޭނެ ގޮތްތައް ދަސްކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން އައިޓީޔޫގެ ފަރާތުން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތައްވެސް ބައިވެރިންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް "ގަވް ސްޓެކް" މެދުވެރިކޮށް ފޯރުކޮށްދޭނެ ގޮތްތައްވެސް މި ތަމްރީނު ޕްރޮގްރާމުގައި ކިޔައިދިނުމަށްވެސް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ވޯކްޝޮޕުގައި ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުން ބައިވެރިވެ، އެ ތަންތަން ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަތައް ހިއްސާކުރުމަށް ރޭވިފައިވާއިރު، އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ކިޔައިދޭނެކަމަށް އެންސީއައިޓީން މައުލޫމާތުދެއެވެ.

‎މީގެ އިތުރުން، މިއީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށްވެސް އެންސީއައިޓީން ފާހަގަކުރެއެވެ.