މާލެ ސަރަޙައްދަކީ ރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދެވެ. މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ. ތޮއްޖެހުމުގެ މައްސަލަ ބޮޑުވެގެންދިޔައީ މާލެއަށް ނުކަތާވަރަށް އުޅަނދު ރަޖިސްޓްރީކުރުމާއި ހަލާކުވުމުން ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާ ވެހިކަލްތަކުގެ އަދަދުތައް އިތުރުވުމުންނެވެ.
މާލޭގައި ވެހިކަލްތައް ގިނަވެ ހިނގާބިނގާވެ އުޅޭ މީހުންނާއި އަދި މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އަބަދުވެސް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަމަށް ހައްލު ގެނެސްދެއްވުމަށްޓަކައި މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މި ސަރުކާރުން ވަނީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ގަރާޖުގައި ބޭއްވޭނެ ޖާގަ އޮތްކަން ކަށަވަރުކުރަންޖެހޭގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު އިސްލާޙުކޮށްފައެވެ. މީގެ ކުރިން ގަވާއިދުގައި އޮންނަނީ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދެވޭނީ، އެ އުޅަނދެއް ރަޖިސްޓްރީކުރުމަށް ލިޔުންތައް ހުށައަޅާއިރު، އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮތްކަމުގެ ލިޔުން ދެއްކުމުންނެވެ.
ގަރާޖުގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ކުރިން ހުށައަޅަންޖެހޭނެއެވެ. އަދި އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައްވެސް ހުށައަޅަންޖެހޭނެއެވެ. މީގެއިތުރުން ގަރާޖުގައި އެ އުޅަނދެއް ބޭއްވޭނެ ޖާގަ އޮތްކަން ގަވާއިދު ތަންފީޒުކުރާ ވުޒާރާއިން ކަށަވަރުކުރަންޖެހޭނެކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ.
ގަވާއިދަށް ގެނައި ބަދަލާއިއެކު މިހާރު ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ނުވަތަ ވުޒާރާއިން ކަނޑައަޅާ ފަރާތަކުން ބަލައި ކަށަވަރުކުރާނެއެވެ. މިއާއެކު ރަޖިސްޓްރީކުރާ އުޅަނދުތަކުގެ އަދަދު ދަށްވެފައިވާކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
* 2023 އަށްވުރެ 2024 ވަނަ އަހަރު ރަޖިސްޓްރީކުރި 4 ފުރޮޅުލީ އުޅަނދުގެ އަދަދު %74 ދަށް
* 2023 އަށްވުރެ 2025 ވަނަ އަހަރު ރަޖިސްޓްރީކުރި 4 ފުރޮޅުލީ އުޅަނދުގެ އަދަދު %72.8 ދަށް
* 2023 އަށްވުރެ 2024 ވަނަ އަހަރު ސައިކަލު ރަޖިސްޓްރީކުރި މިންވަރު %9 ދަށް
* މި އަހަރުގެ މިހާތަނަށް ސައިކަލު ރަޖިސްޓަރީކުރި މިންވަރު %28 ދަށް
މިއަދަދުތަކުން ފެންނަނީ، މާލޭގެ ތޮއްޖެހުން ކުޑަކޮށް ދަތުރުފަތުރާ ގުޅޭ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ބަދަލު ކަމަށް އެވުޒާރާއިން ފާހަގަކުރައްވައެވެ.
މާލޭ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތައް ޤާނޫނާއި ޤަވާއިދުގެތެރެއަށް ގެނައުމުގެ ފުރުޞަތު ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ. މަގުތަކުގައި އުޅަނދު ގިނަވުމުގެ މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ ޕާކިން މައްސަލައެވެ. މިކަމަށް ޙައްލު ގެނައުމަށްޓަކައި މާލެއާއި ހުޅުމާލެ ހިމެނޭހެން ޕާކިން ބިލްޑިންތަކެއް އެޅުމަށް ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ.
މީގެއިތުރުން މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހަލާކުވާން ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. ސަރުކާރުން ދަނީ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގެނެވޭ ބަދަލުތަކާއިއެކު މިއީ އާންމުން ބޭނުންކުރާ އަދި އެއަށް ބަރޯސާވެވޭ ޚިދުމަތަކަށް މިހާރު ވަނީ ވެފައެވެ.