ޚަބަރު

ހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގަނީ


  • ޕްރޮގްރާމް ކުރިއަށް ގެންދާނީ 3 ދުވަހުގެ މުއްދަތަށް

  • މިފަދަ އުޅަނދުތަކުގެ ސަބަބުން ދުއްވާ އެއްޗިއްސަށް އަދި މަގު ބޭނުން ކުރާ އެހެން ފަރާތްތަކަށް ދަތިވޭ

ހުޅުމާލެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނެގުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅިގެން ނަގާނެއެވެ.

ހުޅުމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. ހުޅުމާލެ ފޭސް 2 ޓޯވް ޔާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔަތުގައި ވަޒީރު މުޙައްމަދު އަމީންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރާއި، އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުން ޚިދުމަތް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެޗްޑީސީން ހިމެނޭހެން ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސްއިން ބައިވެރިވެއެވެ. މި ޕްރޮގްރާމު 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާއިރު، ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގާނެއެވެ.

މިއީ ހުޅުމާލޭގެ މަގުތަށް ބޭނުން ކުރުމަށް ދިމާވާ ދަތިތަށް ހައްލު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ މިގޮތަށް އުޅަނދުތައް ދޫކޮށްލާފައި ހުރުމުން ރައްޔިތުންގެ ޝަކުވާ ލިބޭކަން ފާހަގަކޮށްފައެވެ.

ހުޅުމާލޭ މަގުތަކަށް ދޫކޮށްލާފައިވާ ހުރި އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިގޮތަށް މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ.

އެގޮތުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މަގުމައްޗަށް މިގޮތަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކޮށް އެގޮތަށް ހުރި އުޅަނދުތައްވެސް ނެގުމަށް އިލްތިމާސްކުރުއްވާފައެވެ.

"ވިޔަފާރި އުސޫލުން ރެޖިސްޓްރީނުކޮށް އުޅަނދުތައް ބަހައްޓާފައި ހުރި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވިޔަފާރި އުސޫލުން އެހެން ކަންކަންވެސް ކުރައްވާ ގޮތަށް އަމިއްލަ ތަނެއްގައި އެއެއްޗެހި ބަހައްޓަން ޖެހޭނީ. ބޭނުންތަކަށް ގެނެވިފައި ހުންނަ ވެހިކަލްތަކާއި އަދި ޓެކްސީތަކާއި އެއްޗެހި ބަހައްޓާނެ ތަނެއް ނެތިގެން އުޅޭއިރު، މި ލިބޭ ޖާގަތަކުގައި ވިޔަފާރި އުސޫލުން ރެޖިސްޓްރީ ނުކޮށް އުޅަނދުތައް ބޭހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން." ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ ދެމެހެއްޓެނި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭތީ އެކަމަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ މިކަހަލަ އޮޕަރޭޝަންތައް ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް. އޭގެ ސަބަބަކީ ދޭތެރެ ދޭތެރެއިން މިކަހަލަ މައްސަލަތައް ދިމާވޭ. ހުޅުމާލޭގެ ދިރިއުޅުމުންދާ ފަރާތްތަކަށް ދަތިވާ ގޮތަށް އަދި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނާތީ. މިއަދު ނެގޭ ވެހިކަލްތަށް ނަގާފައި ލާނެ ތަންތަނަކީވެސް އަޅުގަނޑުމެންނަށް މިނިސްޓްރީ އަދި އެޗްޑީސީގެ ފަރާތުން ހެޔޮ އެދިގެން ލިބިފައިވާ ތަންތަން." ސީޕީ ނަވީން ވިދާޅުވިއެވެ.

ހުޅުމާލެ އެކި ސަރަހައްދުތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ފުލުހުން ވަނީ މި ޕްރޮގްރާމުގެ ދަށުން ނަގާ އުޅަނދުތަކާމެދު ޢަމަލުކުރާނީ ޤަވާއިދުތެރެއިން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕްރޮގްރާމް ފެށުމުގެ ކުރިން އުޅަނދުތައް ނެގުމަށް އިއުލާން ކުރެވިފައިވާ ކަމަށާއި، އާންމުކޮށް ޓޯ ކުރާ އުޅަނދުތަކާއި މެދު ފުލުހުން ޢަމަލުކުރާ އުސޫލުން ކަން ކުރެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ ބޭނުން ނުކުރާ އުޅަނދުތައް މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި، އެކަމުގައި ޢަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.