ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުގެ އެއްބާރުލުން ބޭނުންވޭ- އެމެރިކާ


ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ޕާކިސްތާނުން އެއްބާރުލުން ދިނުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ގޮވާލައްވައިފިއެވެ. 

އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި، ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ކެރީ ވިދާޅުވީ އިންޑިއާ އަދި އަފްޣާނިސްތާނުގެ މެދުގައި ދޭދޭ މަޝްވަރާތައް ބާއްވަން ރާވާފައިވާ ރޭވުމުގެ ސަބަބުން ޕާކިސްތާނުން އެކަހެރިކަން އިޙުސާސް ކުރާކަށް ނުޖެހޭނޭކަމަށެވެ. އޭނާ ވިދާޅުވީ އެކަހެރި ވުމުގެ ބަދަލުގައި މިފަދަ މަޝްވަރާތައް ޕާކިސްތާނުން އިބުރަތެއްގެ ގޮތުގައި ބަލައިގަނެ، އަމިއްލަ ސިޔާސަތުތައް މިކަންކަމުގެ މައްޗަށް ބައްޓަން ކުރަންޖެހޭކަމަށް ކެރީ ވިދާޅުވިއެވެ. އަދި ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މިފަދަ މަޝްވަރާތަކާއި، މަސައްކަތުގައި ޕާކިސްތަނުގެ ބައިވެރިވުން އިތުރުކުރަންޖެހޭކަމަށްވެސް ކެރީ ވިދާޅުވިއެވެ. 

މީގެ އިތުރުން 2008 ވަނަ އަހަރު އިންޑިއާގައި ދީފައިވާ ޓެރަރިސްޓް ޙަމަލާގެ މައްޗަށް އަލިއަޅުއްވާ ކެރީ ވަނީ މިފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަފްޣާނިސްތާނުގެ މައްސަލައިގައި، އެ ޤައުމާއި އެމެރިކާ އަދި އިންޑިއާގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ބާއްވާ އދގެ ބައްދަލުވުމެއްގެ ހަވާސާގައެވެ. މި މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވާލާނީ، އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވީ ދުނިޔޭގެ ޞުލްޙައާއި ރައްކާތެރިކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ޓެރަރިޒަމާއި ބެހޭ ގޮތުން ކެރީއާއެކު ބޭއްވުނު ބައްދަލްވުމުގައި ވަރަށް ފުންކޮށް މަޝްވަރާ ކުރައްވާފައިވާކަމަށެވެ.