އެޗްޑީސީއާ ހަވާލުކޮށްގެން ރާއްޖޭގެ އެކިސަރަހައްދުތަކުގައި ޤާއިމްކުރާ ހައުސިންގ މަޝްރޫޢުތައް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޖުމުލަ 3960 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފައެވެ.
ހައުސިން ޔުނިޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހި ކަމުގެ މަޝްރޫޢުތަކާއި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ލިބުނު ފުރުޞަތަކީ އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ. ޒުހައިރު ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން ހައުސިން ޔުނިޓްތައް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހާރު ހަވާލުކޮށްފައި ހުރި މަޝްރޫޢުތަކުގެ ތެރޭގައި ފެށުމަށްފަހު ހުއްޓިފައި ހުރި މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރައްވާ ޒުހައިރު ވިދާޅުވީ އެ މަސައްކަތްތައްވެސް އަލުން ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އަލަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދިޔުމަށްޓަކައި ޑިޒައިން ކުރުމުގެ މަސައްކަތާއި ބިން ވަކިކުރުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ޑިޒައިން ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
" މަސައްކަތް ރޭވިފައި މިއިނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ގޮތުން ކުރިއަށްގެންދިޔުމަށް. ޚާއްސަކޮށް ބޮޑެތި މަޝްރޫޢުތައް. ޚާއްސަކޮށް 1000 ނުވަތަ 2000 ހައުސިން ޔުނިޓްތައް. ކުދި 50 ނުވަތަ 100 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އެހެން ގޮތަކަށް ފައިނޭންސް ރޭވިގެން މަސައްކަތް ކުރަމުން ގެންދަނީ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވަނީ މި ފެށޭ އަހަރު އެންމެ އިސްކަމެއް ދީގެ ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހައުސިން ޔުނިޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭކަން ފާހަގަކުރައްވާފައެވެ.
- ހދ. ކުޅުދުއްފުށި: 400 ހައުސިން ޔުނިޓް
- ހދ. ކުޅުދުއްފުށި: 2000 ހައުސިން ޔުނިޓް
- ހދ. ނެއްލައިދޫ: 60 ހައުސިން ޔުނިޓް
- ހދ. ހަނިމާދޫގައި ހިރިމަރަދޫ ރީސެޓެލްމަަންޓް: 200 ހައުސިން ޔުނިޓް
- ހދ ހަނިމާދޫ: 500 ހައުސިން ޔުނިޓް
- ހދ. ނޮޅިވަރަންފަރު: 100 ހައުސިން ޔުނިޓް
- ށ. މިލަންދޫ: 50 ހައުސިން ޔުނިޓް
- ލ.ގަން: 100 ހައުސިން ޔުނިޓް
- ރ. ދުވާފަރު: 50 ހައުސިން ޔުނިޓް
- ޅ. ނައިފަރު: 300 ހައުސިން ޔުނިޓް
- ސ. ފޭދޫ: 50 ހައުސިން ޔުނިޓް
- ސ. ހިތަދޫ: 100 ހައުސިން ޔުނިޓް
- ސ. މަރަދޫ: 50 ހައުސިން ޔުނިޓް'
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ 10 ރަށެއްގައި 3960 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީއާ ހަވާލުކުރައްވާފައެވެ. އޭގެ ތެރޭގައި 50އާއި 2000 ދެމެދުގެ ހައުސިން ޔުނިޓްތައް ހިމެނެއެވެ.