ސައިކްލޯންއަރައި ގެއްލުން ލިބުނު ޤައުމުތަކަށް އެމްފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަޤްވާމީ މަނީ ޓްރާންސްފަރ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްއިން ބުނީ 1 ޑިސެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާއެކު ފައިސާ ފޮނުވޭނެކަމަށެވެ.
މިގޮތަށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމަޢަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްކަަމަށް އުރީދޫ ފިންޓެކް މޯލްޑިވްސްއިން ވިދާޅުވިއެވެ. އެގޮތުން އެމް-ފައިސާގެ އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ (އައިއެމްއާރު) ޚިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ. މިޚިދުމަތަކީ މަނީގްރާމް އާ އެކުވެގެން ކުރިއަށް ގެންދެވޭ ޚިދުމަތެކެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްއިން ވިދާޅުވީ ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފަރ ލިމިޓް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން އެމްފައިސާ އެޕް މެދުވެރިކޮށް ރިއަލް ޓައިމް ޓްރާންސެކްޝަން ޓްރެކިން އަދި ކަސްޓަމަރުން އެމްފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފަރ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެކަމަށްވެސް ވިދާޅުވިއެވެ.
މިކަމާމާއި ގުޅިގެން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ގާތްތިމާގެ މީހުން މި ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭއިރު ޓްރާންސްފަރ ފީ އާނުލައި، ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ވަގުތުން ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަކީ މާނަވީ މަގްސަދެއް ހާސިލް ކުރާ އެއްޗެއްކަން ކަށަވަރު ކުރުން، އެއީ މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުން" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށް، މުޖުތަމަޢަށް އެހީތެރިވުމަށާއި، ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.