ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި ސަނީ ޢުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސަނީ އުމަރު ހައްޔަރުކުރީ އިއްުޔެއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީޖީއިން ވިދާޅުވީ މިމައްސަލައިގެ ތަޙުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށައެޅުމަށް އެއޮފީހުން ގަސްދުކުރާކަމަށެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ސަނީ ޢުމަރާއި ސުވާލުކުރުމަށް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ މައްސަލަ ބަލަމުންދަނިކޮށް ފުރައިގެން ދިޔުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ރާއްޖޭގެ ޤާނޫނުތަކުން ހަރުކަށި އަދަބު ކަނޑައެޅި އަދި މައްސަލަ ބަލާ ނިންމުން އަވަސްކުރުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާއެއްގެ މައްޗަށް ލާޒިމްކުރާ ކުށެކެވެ.