ޚަބަރު

އެމްޓީސީސީގެ ޑްރެޖަރުގެ ފަށަން ބަހައްޓާ މަސައްކަތް ފަށައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ބަންނަ ހޮޕާ ސަކްޝަން ޑްރެޖަރުގެ ފަށަން ބަހައްޓައި މަސައްކަތް ފަށައިފިއެވެ.

މި ޑްރެޖަރު ބަންނަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގައެވެ. "މަހާ ޖައްރާފް" ނަމުގައި ބަންނަ މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރ ފުޅާ ޑްރެޖަރެކެވެ. މި ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ.

img:http://s4.psmnews.mv/images/660x400/14725755210019.jpg|ޑްރެޖަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ، އިބްރާހީމް ޒިޔަތު ވިދާޅުވީ މަހާ ޖައްރާފް ބަނުމުގެ ހުރިހާ މަސައްކަތެއް އަންނަ ޑިސެމްބަރު މަސް ތެރޭގައި ނިމެނޭ ކަމަށާއި ޑްރެޖަރ ޓެސްޓް ރަން ހެދުމަށްފަހު ރާއްޖެ ގެންނާނީ އަންނަ އަހަރުގެ މާޗްމަހުކަމަށެވެ. އޭނާ ވިދާޅުވީ މި ޑްރެޖަރުގެ ސަބަބުން އެމްޓީސީސީ އާ ހަރުފަތަކަށް ދެވޭނެ ކަމަށާއި ސަރުކާރުގެ ތަރައްޤީ މަސައްކަތްތައް ހަލުވިވެ ބިންހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގޭނެ ކަމަށެވެ.