ޚަބަރު

ރާއްޖެއާ ގުޅޭ މައުލޫމާތު އެއްކުރަން ފަތުރުވެރިންނަށް ޚާއްސަ ސާރވޭއެއް


  • މި ސާރވޭގައި ޚިދުމަތްތަކާއި މެދު ފަތުރުވެރިން ދެކޭ ގޮތުގެ މައުލޫމާތު އެއްކުރެވޭނެ

  • ފަތުރުވެރިން ރާއްޖޭގައި ކުރި ތަޖުރިބާގެ މައުލޫމާތު ނެގޭނެ

ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ މައުލޫމާތު އެއްކުރުމަށް "މޯލްޑިވްސް ވިޒިޓަރ ސަރވޭ"ގެ ނަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ޚާއްސަ ސާރވޭއެއް ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ރަސްމީކޮށް މި މަސައްކަތް ފަށާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ސާރވޭ ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މޯލްޑިވްސް ވިޒިޓަރ ސަރވޭއަކީ، ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ "އެގްޒިޓް ސަރވޭ" އެކެވެ. މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި، އުމުރު ފަދަ މައުލޫމާތު)އާއި، ރާއްޖޭގައި ކުރި ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާއި ބެހޭގޮތުން ފަތުރުވެރިން ދެކޭ ގޮތާއި ގުޅޭ މުހިންމު މައުލޫމާތުތައް އެއްކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ މައުލޫމާތުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ކުރިއެރުވުމަށްޓަކައި ދެނެގަނެވޭ މައުލޫމާތުތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރުތަކެއް ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ، އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަ ކުރުމުގައިވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ، 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 2،014،358 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު ޢަދަދެކެވެ.