ޚަބަރު

މިދައުރުގައި ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާ، ބޭނުންވަނީ އޯގާތެރިކަން!


  • 3 ޑިސެންބަރު ފާހަގަކުރަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި

  • އިޖުތިމާއީ ރައްކާތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގިންތި

މިސަރުކާރުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެވެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 3ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމާއި އެމީހުން ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއާއި ހިއްސާ އޮންނާނެކަން ހަނދާންކުރުމެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި މެސެޖުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގިންތިކަމަށެވެ. އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމަޢެއް ޤާއިމްކޮށް، ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސެވެ. އަދި މިއީ މިސަރުކާރުގެ ވަރަށް މުހިންމު އެއް އަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ.

މިސަރުކާރުގެ ފާއިތުވި 2 އަހަރު މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރެވުނުކަމަށާއި، މިކަމުން ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލްވުމެވެ. ކުރިމަގުގައިވެސް މިގޮތުގައި މަސައްކަތް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް އެމީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް މުހިންމު އެހާމެ ބޭނުންތެރި ނިންމެވުމެއްކަމަށް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގެ ފަސްމަގަށް ބަލައި 3 ކަމެއް ވަޒީރު ވަނީ ފަހާގަކުރައްވާފައެވެ. އެއީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ޤާއިމްވެފައި އޮތުމުގެ މުހިއްމުކަމާއި، ސްކޫލް މަރުހަލާ ނިންމާ، ޤާބިލް މީހުންނަށް، އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ބޭނުންތެރިކަމާއި، އެފަދަ މީހުންނަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދިނުން މުހިންމުކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުން ހުރި މުހިންމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ޝާމިލް މުޖްތަމަޢެއް ބިނާކުރުން" މިއެވެ. މި ޝިއާރުން އެންމެ ބޮޑަށް ބާރު އަޅަނީ މުޖްތަމަޢުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށެވެ.