ޚަބަރު

"ކޯޗުގެ ޕްލޭނާއި އެއްގޮތަށް މަސައްކަތްކުރުމުން ތަފާތު ފެނުނު"


  • ރާއްޖެއިން ވަނީ 2-1 ކުރި ހޯދާ 3 ޕޮއިންޓް ހޯދާފައި

  • ފަހަތުން އަރާ ރާއްޖެއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިރޭ އަދި ސެންޓޭ

ޤައުމީ ފުޓްބޯޅަ ޓީމު އައު ކޯޗަކާއެކު މަސައްކަތް ކުރާއިރު މިއަދުގެ މެޗުގައި ތަފާތު ފެނުނީ އައު ކޯޗުގެ ޕްލޭނާއި އެއްގޮތަށް މަސައްކަތްކުރުމުންކަމަށް ޓީމޯ ލެސްޓޭއާއި ރާއްޖެއާ ވާދަކުރި މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އިރުފާން (އިރޭ) ބުނެފިއެވެ.

އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އިރުފާން ބުނީ މިއަދުގެ މެޗުގައި އެ ތަފާތު ފެނުނު އިރު، ފަހުކަށިގަނޑާއި ހަމައަށްވެސް ހުރިހާ ކުޅުންތެރިން ވަރަށް މަސައްކަތް ކުރިކަމަށެވެ.

"ފަހު ކަށިގަނޑާ ހަމައަށް ހުރިހާ ކުދިން ވަރަށް މަސައްކަތްކުރި، ވަރަށް އުފާވެއްޖެ ހުރިހާ ކުޅުންތެރިންވެސް މަސަކަތް ކޮށްގެން ޓިމޯ ލެސްޓޭއިން ގޯލެއް ޖަހާފަ އޮއްވާ ފަހަތުން އަރާ 2 ޖަހައިގެން މޮޅުވީމަ އައު ކޯޗުގެ ޕްލޭނަށް މަސައްކަތް ކުރާ އިރު އެތަފާތު މިއަދު ފެނުނީ" އިރުފާން ބުންޏެވެ.

މެޗުގައި ރާއްޖެއަށް ލީޑު ނަގައިދިނީ އިރުފާނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނެޓަށް ވެފައިވަނިކޮށް އޭނާ މިލަނޑު ކާމިޔާބުކޮށްދިނީ، ސިފާއު ދިން ބޯޅައަކުން ސަމޫޙު ފައިންޖައްސާލުމުން އިރުފާނަށް ލިބުނު ވަގުތު އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެންނެވެ.

މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ބަދަލުކުޅުންތެރިންގެ ގޮތުގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން ނެރެގެން ކުޅުނު މިމެޗު ރާއްޖޭ ކޮޅަށް އަނބުރާލަދިނީ ފާސިރެވެ. ޓިމޯ ލެސްޓޭއިން އަޝްފާގަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ދިވެހި ޓީމަށް 2 ވަނަ ލަންޑު ކާމިޔާބުކޮށްދިނީ އޭނާއެވެ.

ގައުމީ ޓީމުގެ ކޯޗު އުރުބާނީ ބުނީ ހުރިހާ ކުޅުންތެރިންގެ ކުޅުމާމެދުވެސް ވބަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މި ޓީމުން އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކާއި އޮންނަ ގުޅުން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށާއި، އެ ޓީމު ކޮންބިނޭޝަން ދިޔަގޮތާއި މެދު ހިތްހަމަޖެހޭ ކަމަށް ކޯޗު ބުންޏެވެ.

ރަނގަޅަށް ވާހަކަދެކެވި، ކޯޗުގެ އިރުޝާދުތައް ދަނޑުމަތީގައިވެސް ފަހުމުވެގެން ކުޅޭ މިފަދަ ޓީމެއްގެ ކުޅުން ބެލުމަކީ، ޒުވާން ކުޅުންތެރިންނަށްވެސް މުހިންމު ކަމެއް ކަމަށް ކޯޗު ފާހަގަކުރިއެވެ.