ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅެނިކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ޕީއާރު މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދިޔަ ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ އިއްޔެ ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައިތަނުން އެއަޕޯޓުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން އިއްޔެ އޭނާއާ ސުވާލުކުރުމަށްފަހު ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުމުން ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ވިދާޅުވީ ޖިނާއީ މައްސަލައެއްގެ ތުހުމަތުއޮތްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިގެން ދާން އުޅުނުކަމަށެވެ. އަދި އެމައްސަލާގައި އޭނާ ހައްުޔަރުކުރުމަށްފަހު ދޫކޮށްލިކަމަށާއި، ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައިވާކަމަށެވެ.