ފާއިތުވެދިޔަ ތިން އަހަރުގެ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީގެ ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް އޭނާގެ ކުލަބު ބާސެލޯނާއިން ބުނެފިއެވެ.
ކުރިން ބެލެވިފައި އޮތީ އޮޕަރޭޝަން ނުކޮށް ރަނގަޅ ކުރެވޭނެ ކަމަށެވެ. ނަމަވެސް ހޯމަ ދުވަހު ކުޅުންތެރިޔާ ބާސެލޯނާ އަށް ގޮސް ހެދި ޓެސްޓްތަކަށް ފަހު ޑޮކްޓަރުން ނިންމީ އޭނާގެ ފައި އޮޕަރޭޝަން ނުކޮށް ފަރު ނުޖެއްސޭނެ ކަމަށެވެ.
"ހޯމަ ދުވަހު ކުރި ޓެސްޓްތަކުން ޔަގީން ކުރެވުނީ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް. ސަބަބަކީ ކަޑިގަނޑު ބިނދިފައިވާތީވެ. އޭނާގެ ފައި އޮޕަރޭޝަން ކުރާނީ ކުލަބުގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ބާސެލޯނާގެ ހޮސްޕިޓަލުގައި ޑޮކްޓަރ އެންޓޯނީ ޑަލްމައު،" ބާސެލޯނާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކުލަބުން ބުނީ އޮޕަރޭޝަނަށް ފަހު މަދުވެގެން ތިން މަސް ދުވަހު ނުކުޅެ ހުންނަން ޖެހޭނެ ކަމަށެވެ. އަދި ފަހަރުގައި މި މުއްދަދު އިތުރުވުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.
އޭނާގެ ފާތުފައިގެ ތަނބިކަށީގެ ތިރިން ބިންދައިގެން ދިޔައީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ. އެއީ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ދެ ވަނަ ލެގުގައި ޖަރުމަނާ ދެކޮޅަށް ކުޅެން ތައްޔާރުވަނިކޮށެވެ. ބޮންމާޓީ ވަނީ ފައިނަލްގެ ފުރަތަމަ ލެގުގައި 77 މިނިޓް ކުޅެފަ އެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ފައިގެ ކަޑިގަނޑު ބިނދިފައިވާކަން އެނގުނީ ޕްރެކްޓިހުގައި ހުއްޓައި ތަދުވެގެން ހެދި ޓެސްޓްތަކުން ކަމަށެވެ.
އުމުރުން 27 އަހަރުގެ އައިޓާނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ޔޫރޯ އަދި ޗެމްޕިއަންސް ލީގުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ސްޕޭނުގެ އަންހެން އިނިއެސްޓާގެ ނަމުން ވެސް މަޝްހޫރުވެފައިވާ އައިޓާނާ ނެތުމަކީ ސްޕޭނާއި ބާސެލޯނާ އަށް ވެސް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. އެއީ އޭނާ ފަދަ ދެ ވަނަ އެހެން ކުޅުންތެރިއަކު މިވަގުތު ފެންނަން ނެތުމުންނެވެ.
ބޮންމާޓީ އަކީ ބާސެލޯނާގެ ލަމާސިއާއިން ތަމްރީނުވި ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނީ ބާސްކެޓްބޯޅަ އެވެ. އެކަމަކު އުމުރުން ހަތް އަހަރުގައި ފިރިހެން ކުދިންނާއެކު ފުޓްބޯޅަ ކުޅެ އެމީހުންނަށްވުރެ އޭނާ މޮޅުކަން ދައްކައިދިނެވެ. ލަމާސިއާއިން ފުރުސަތު ލިބުނީ މި ހިސާބުންނެވެ.
އޭނާ ވަނީ ސްޕޭނަށް 83 މެޗުން 31 ގޯލު ޖަހައިދީފަ އެވެ. އަދި ބާސެލޯނާ އަށް 215 މެޗުން 78 ގޯލު ޖަހައިދީފަ އެވެ.
ބޮންމާޓީ އަށް އަނިޔާވިއރު ބާސެލޯނާގެ މުހިންމު އިތުރު ދެ ކުޅުންތެރިއަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެއީ ޕަޓްރީ ގުއިޖާރޯ އާއި ކިކާ ނަޒްރަތެވެ. މި ދެ ކުޅުންތެރިން ވެސް ނެތުމާއެކު ޓީމުގެ މެދުތެރެއަށް ކުޅެން ނެރޭނީ ޒުވާން ކުޅުންތެރިންތަކެއް ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.