މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2-ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާއިން މޯލްޑިއަންއާކު ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ކޮމާޝަލް އާމިނަތު ސަމީހާއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ ޓްރެވަލް ޕާޓްނަރ އަކީވެސް މޯލްޑިވިއަންއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޓްރެވަލް ޕާޓްނަރާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޔަން ވިދާޅުވީ، ސީޒަން 2ގެ އޮޑިޝަންތައް ރާއްޖޭގެ 5 ސަރަހައްދެއްގައި ބޭއްވޭނެކަމަށާއި، އައިޑަލްއަށް މީހުން ހޮވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/14725490805879.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ޓްރެވަލް ޕާޓްނަރާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަންގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ހެޑް އޮފް ކޮމާޝަލް އާމިނަތު ސަމީހާ ވިދާޅުވީ، ޤައުމީ އެއަރލައިންގެ ހައިސިއްޔަތުން ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ކުރާ މިފަދަ މަސަކަތްތަކަށް ހިތްވަރުދޭކަމަށާއި، އައިޑަލް ސީޒަން އެކަކަށްވުރެ ސީޒަން ދޭއް ކާމިޔާބުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ސްޕޮންސަރުންގެ ގޮތުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިތުރުން، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ހިމެނޭހެން  މިހާތަނަށް 12 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

ޝޯވގެ ދެވަނަ ސީޒަން ޢާއްމުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ޕީ.އެސް.އެމުން ތައްޔާރުވަމުންދާއިރު، ސީޒަން 2ގެ ޖަޖުންނާއި ޕްރެޒެންޓަރުން ހޯދުމުގެ ކަންކަން ޕީ.އެސް.އެމްގެ ފަރާތުން ދަނީ ކުރަމުންނެވެ. އަދި މި ފެށޭ ސެޕްޓެމްބަރު މަހުގެ ތެރޭގައި މޯލްޑިވިއަން އައިޑަލް - ސީޒަން 2 އޮފިޝަލްކޮށް ލޯންޗްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.