ހއ. ދިއްދޫގައި ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒު ހުޅުވައިފިއެވެ. ހުކުރު ނަމާދާ ދިމާކޮށް މި އިސްލާމީ މަރުކަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ދިއްދޫގައި ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތަކުން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަންފުޅަށް ނިސްބަތްކޮށެވެ. ޝަހީދު ޢުމަރު އަޙްމަދު ނިސްބަތްވަނީ ހއ. ދިއްދޫއަށެވެ.
އިސްލާމީ މަރުކަޒެއްގައި ޚިދުމަތްކުރައްވަނިކޮށް ޝަހީދުވި ޢުމަރު އަޙުމަދުގެ ނަންފުޅަށް، ދިއްދޫގެ ފަޚުރެއްކަމުގައިވާ އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދެއްވާފައިވަނީ، ޝަހީދު ޢުމަރު އަޙުމަދުގެ ޒިކުރާ ދިރުވައި އާލާކުރުމަށްޓަކައެވެ.
ޝަހީދު ޢުމަރު އަޙްމަދު މިސްކިތް ތަރައްގީކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް ސަރުކާރުން 50 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވާއިރު މިއީ އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތުގައި އިސްލާމީ ލައިބްރަރީއަކާއި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ.
ޝަހީދު ޢުމަރު އަޙްމަދު މިސްކިތުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި 2 ސެމިނަރ ރޫމާއި އޮފީސް ޖާގައެއްވެސް ވަނީ ހިމަނާފައެވެ.
މި އިސްލާމީ މަރުކަޒު ތަރައްޤީކޮށްފައިވަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ.
ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދެއެވެ. ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ.