ޚަބަރު

ކަނޑުއުޅަނދު އިންޝުއަރކުރުން އެލައިޑްއާ ހަވާލުކޮށްފި


ކަނޑު ދަތުރުފަތުރު ކުރުމާބެހޭ ޤާނޫނުން ލާޒިމްކުރާ، އުޅަނދުފަހަރު އިންޝުއަރެންސް ކުރުމުގެ މަސައްކަތް އެލައިޑް އިންޝުއަރެންސް ކޮޕްޕެނީއާ ޓްރާންސްޕޯރޓް އޮތޯރިޓީގެ ފަރާތުން ޙަވާލުކުރައްވައިފިއެވެ. 

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ރާއްޖޭގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރު އަންނަ ޖެނުއަރީ މަހުގެ އެއްވަނަދުވަހުން ފެށިގެން ހުންނަންޖެހޭނީ އިންޝުއަރ ކުރެވިފައި ކަމަށެވެ. އެގޮތުން އެލައިޑްގެ "މެރިން ހަލް ޓޯޓަލް ލޮސް އިންޝުއަރެންސް" އަކީ ކޮންމެ ކަނޑު އުޅަނދަކުން ހައްދަންޖެހޭނެ އިޝުއަރެންސެއްކަން ނާފިޒް ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/4336.jpg|ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއް ރަޝީދު ނާފިޒް- ފޮޓޯ: ޕީއެސްއެމް

އެލައިޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަމީލް ވިދާޅުވީ، އެކުންފުނިން މި ސްކީމްގެ މަސައްކަތް ފަށާނީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މި ސްކީމް ހޯދޭނެ ލުއި ފަސޭހަ އިންތިޒާމުތަކަކާއެކު ކަމަށެވެ. އެގޮތުން އޮންލައިންކޮށް ސްކީމް ހޯދޭނެ އިންތިޒާމްތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އަމީލް ވިދާޅުވިއެވެ. އުޅަނދުފަހަރު އިންޝުއަރެންސް ކުރުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމަށް އެލައިޑް އިންޝުއަރެންސާ ޙަވާލުކުރައްވާފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި ސްކީމްގެ ދަށުން، ފެތިގެން ނުވަތަ އެނޫންވެސް ޙާދިސާއެއް ދިމާވެގެން، ބޭނުން ނުކުރެވޭވަރަށް ގެއްލުން ލިބޭ ކަނޑު އުޅަނދުފަހަރަށް މުޅި ގެއްލުމުގެ ބަދަލު ލިބޭނެއެވެ.