ޚަބަރު

ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް މަޤާމުން ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައިފި


  • ޤާޟީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރަނީ ކޮން މައްސަލައެއްގައި ކަމެއް ހާމައެއްނުކުރޭ

  • ޖޭއެސްސީއިން ބަލަމުން ދިޔަ ދެ މައްސަލައަކާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ ސަސްޕެންޑުކޮށްފައި

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްްވުމަށް ޖުޑީޝައަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް ޤާނޫނާއި ޚިލާފަށް ޢަމަލުކޮށްފައިވާކަން، ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން، ޤާޟީ ފާއިޒްގެ މި ޢަމަލަކީ، ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވާ އަމަލަކަށްވާތީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. އެހެންނަމަވެސް ޤާޟީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރަނީ ކޮން މައްސަލައެއްގައި ކަމެއް ޖޭއެސްސީން ހާމައެއްނުކުރައްވައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ހުސައިން ފާއިޒް ރަޝާދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުން ދިޔަ ދެ މައްސަލައަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ. އެނގިފައިވާ ގޮތުގައި، ޤާޟީ ފާއިޒް ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި ގުޅިގެނާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ. މި މައްސަލަތަކާއި ގުޅިގެން ޤާޟީ ފާއިޒް އޭރު ސަސްޕެންޑްކުރީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.