ޚަބަރު

"އަމާޒަކީ ހުރިހައި ވަޤްފް އިމާރާތްތައް މި ދައުރުތެރޭ ނިންމުން"


  • ހުޅުމާލޭގައި އިމާރާތްކުރާ ވަޤްފްބިނާއަކީ ރާއްޖޭގައި ޤާއިމްކުރާ އެންމެ ބޮޑު ވަޤްފްއިމާރާތް

އަމާޒަކީ މިހާރު މަސައްކަތް ފަށާފައިވާ ހުރިހައި ވަޤްފް އިމާރާތްތައް މި ދައުރުތެރޭ ނިންމާ ބޭނުންކުރަން ފެށުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭގައި ޤާއިމްކުރާ ވަޤްފު ޢިމާރާތް 'ދާރުއްސަލާމް'ގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު ޢިމާރާތް 'ދާރުއްސަލާމް'ގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރަނީ ރާއްޖޭގައި މިހާރު ޤާއިމްކުރަމުންދާ ހުރިހައި ވަޤްފް އިމާރާތްތަކުގެ ޢަމަލީ މަސައްކަތް ނިންމާ މި ދައުރުތެރޭ ބޭނުންކުރަން ފެށުންކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު ޢިމާރާތް 'ދާރުއްސަލާމް'ގެ މަސައްކަތްވެސް ކުރިއަށްއޮތް 2 އަހަރުތެރޭ ނިންމާ ބޭނުންކުރަން ފެށުމަށް މަސައްކަތްކުރާނެ ވަޒީރު ވިދާޅުވިއެވެ.

ދާރުއްސަލާމް ވަޤުފް އިމާރާތަކީ، ސަރުކާރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުއާރުސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި އިމާރާތް ބިނާކުރަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ)ގައި އޮންނަ ބިމުގައެވެ.

ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު އިމާރާތަކީ ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤްފު ބިނާކަމަށެވެ. އެގޮތުން މި ބިނާއަކީ މަލްޓިޕާޕަސް ބިލްޑިންއެއް ގޮތަށް އިމާރާތްކުރެވޭ ތަނެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިތަނުގައި ޤާއިމްކުރެވިގެން މިދަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ވަޤްފު ބިނާ. މިއީ މަލްޓިޕާޕަސް ބިލްޑިންއެއް ގޮތުގަ އިދާރާތަކެއް މިތަނުގަ އެކުލެވިގެންވަނީ. އަދި ޖަލްސާކުރާ މާލަންތަކާއި ޑޭ ކެއަރ ސެންޓަރެއްވެސް މިތަނުގަ ޤާއިމްކުރެވިފަ ވާނެ. ޕާކިން އޭރިއާތަކާއެކު މުޅި ޖުމްލަ 20000 އަކަފުޓުގަ ބިޏާކުރެވިގެންދާ މި ބިނާ އަކީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވަރަށޤ ބޮޑު ހެޔޮކަށް ވެގެންދާނެ". ވަޒީރު ވިދާޅުވިއެެވެ.

ވަޒީރު ވިދާޅުވީ، މިފަދަ މަޝްރޫޢުތަކަށް އިންވެސްޓްކޮށް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަކީ ރާއްޖެއަށް ކުރިމަގުގައި ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމުގައެވެ.

ވަޒީރު ޑރ. ޝަހީމް ވަނީ އިސްލާމީ މިފަދަ މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ އެމިނުފާނަށް ޝުކުރު އަދާކޮށްފައެވެ.