ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ޢަރަބިއްޔާ ހުރި ބިމުގައި ޕާކިން ޒޯނަކާއެކު ޕާކެއް ތަރައްޤީކުރުން: ރައީސް


  • ރައީސް ވަނީ އެބިމުގެ ބޭނުންކުރާނެގޮތް ދެނެގަތުމަށް ރައްޔިތުންގެ ޚިޔާލަށް އެދިވަޑައިގަންނަވާފައި

  • ޢަރަބިއްޔާ ސްކޫލް ހުރި ބިމަކީ 11000 އަކަފޫޓުގެ ބިމެއް

ސަރުކާރުގެ ވިސްނުމަކީ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޕާކިންއަކާއެކު ޕާކެއް ތަރައްޤީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގެ ބޭނުން މައްޗަންގޮޅީގެ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަކަށް ބޭނުންކުރެވޭނެ ގޮތަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިއްސާކުރެއްވުމުގެ ފުރުސަތު ދެއްވާފައެވެ.

މާލޭ މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޢަރަބިއްޔާ ސްކޫލް ޢިމާރާތް ބާވެ ނުރައްކާތެރި ޙާލަތެއް ކުރިމަތިވުމުން އެތަން ހުސްކޮށް ޢިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ 11000 އަކަފޫޓުގެ އެބިން ތަރައްޤީކުރުމުގައި ސަރުކާރުން މިހާރު ވިސްނަވަމުންދަނީ އެތަނުގައި ޕާކިންގއަކާއެކު ކުޑަކުދިން ކުޅެލާނެ ޕާކެއް ތަރައްޤީކުރުމަށްކަމަށެވެ. އެހެންނަމަވެސް އެސަރަޙައްދުގައި އެހެންގޮތަކަށް އެކަންކުރުމަށް މައްޗަންގޮޅީގެ ރައްޔިތުންގެ ޚިޔާލު ހުށައެޅުއްވުމުގެ ފުރުސަތު އެމަނިކުފާނު ވަނީ ހުޅުއްވާލައްވާފައެވެ.

"ދެބޭނުމަކަށް އެބިމުގެ ބޭނުންކުރަން ވިސްނަނީމި. އަޅުގަނޑުގެ ވިސްނުމަކީ އެތަނުގައި ބޮޑު ސަރަޙައްދެއްގައި ޕާކިންއެއް ތަރައްޤީކޮށް، ގްރީން ސްޕޭސްއަކާއެކު ކޮމިއުނިޓީ ޕާކަކާއެކު ތަރައްޤީކުރުން. މިކަމުގައި ތިބޭފުޅުންގެ ޚިޔާލުދެއްވުން އެދެން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މައްޗަންގޮޅި އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ސަމާލުކަންދެއްވާނެކަމަށެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް މުހިއްމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ އަޑުއެއްސެވުމަށް ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ޝުޢުރު އަޑުއައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަންދެއްވަމުންނެވެ. ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދެވި ދަތުރުފުޅުތަކަށްފަހު މިހާރު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެކި ދުވަސްތަކުގައި އަންނަނީ ބައްދަލުކުރެއްވުންތައް ބާއްވަމުންނެވެ. މިފަދަ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންދެވީ ވިލިމާލޭގައެވެ.